ކުޅިވަރު

ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ރާއްޖެއަށް 110 ވަނަ، ދެކުނު އޭޝިއާގެ އެއްވަނަ


ފީފާއިން ފުރަތަމަ ފަހަރަށް ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމަށް ދުނިޔޭގެ ރޭންކިންގެ 110 ވަނަ ލިބުނުއިރު، ދެކުނު އޭޝިއާ ސަރަހައްދުން އެއްވަނަ ލިބިއްޖެއެވެ.

މި ރޭންކިންގައި ދެކުނު އޭޝިއާގެ ތިން ގައުމެއް ހިމެނުނެވެ. އަދި އަލަށް އެކުލަވާލި މި ރޭންކިންގައި ދުނިޔޭގެ 139 ގައުމު ހިމެނުނުއިރު، ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމު ހިމެނެނީ 110 ވަނައިގައެވެ. އެއީ އޭޝިއާއަށް ބަލާއިރު 27 ވަނައެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއާ ޖެހިގެން ދެން އޮތީ ނޭޕާލެވެ. އެއީ ދުނިޔޭގެ ރޭންކިންގެ 121 ވަނައެވެ. ދެން އޮތީ އިންޑިއާއެވެ. އޮތީ 135 ވަަނައެވެ. މި ސަރަހައްދުން އިތުރު ގައުމެއް ރޭންކް ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ 110 ވަނައިގައި ރާއްޖެ ރޭންކު ކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ވޭދުވެދިޔަ ދެ ތިން އަހަރު އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ނެރެފައިވާ ނަތީޖާތަކަށެވެ. ރާއްޖޭން އޭޝިއާގެ ކޮލިފައިން މެޗުތަކުގައި ސްކޯއިން ހޯދި ކުރިއެރުމާއި، އެހެނިހެން ކަންކަމަށް ބަލާފައި، ނެގި ކޯއެފިޝެންޓް ރޭންކިން ޕޮއިންޓްސްއަށް ބަލާއިރު ވަނީ ތަފާތު ދައްކާފައެެވެ. ޖުމްލަ ޕޮއިންޓްގެ ގޮތުގައި ރާއްޖެއަށް ވަނީ 905.56 ޕޮއިންޓް ލިބިފައެވެ.

ރޭންކިން ކަނޑައެޅިފައި އޮތްގޮތަށް ބަލާއިރު ދުނިޔޭގެ ފުޓްސަލް އެއްވަނައިގައި އޮތީ ބްރެޒިލްއެވެ. ދެވަނައިގައި ޕޯޗުގަލް އޮތްއިރު، ތިންވަނައިގައި އޮތީ ސްޕެއިންއެވެ.