ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ


  • ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަ

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސޫމާބެހޭ ޤައުމީ އިދާރާއިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާ ދަނޑިވަޅެއްގައެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށްއޮތް ދެތިންދުވަހު ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، މޫސުން އަލިވާނެ ދުވަހެއް ސީދާ ދަންނަވަން ނޭނގޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ބޯކޮށް ވާރޭވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި އުދައިގެ ނުރައްކަލެއް ކުރިމަތިވާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ހުުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު ވައިޓް އެލާޓް ނެރެފައެވެ.