ޚަބަރު

ރަޝިޔާއިން އެމެރިކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފި


ރަޝިޔާއިން އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު ހައްޔަރު ކޮށްފިއެވެ. ރަޝިޔާއިން ބުނީ, އެމެރިކާގެ ސިފައިންގެ މީހާ ހައްޔަރު ކޮށްފައި ވަނީ ވައްކަން ކުރުމުގެ ތުހުމަތުގައި ކަމަށާއި, އެ ހާދިސާ ހިނގާފައި ވަނީ ރަޝިޔާގެ ރަށެއް ކަމުގައިވާ ވްލަޑިވަސްޓޮކުގައި ކަމުގައެވެ. އެމެރިކާއިން ވެސް ވަނީ, އެ ޤައުމުގެ ސިފައިންގެ މީހަކު ރަޝިޔާގައި ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ, ރަޝިޔާއިން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ސްޓާފް ސަރޖެންޓް ގޯޑްން ބްލެކް ކަމުގައެވެ. އޭނާއަކީ, ދެކުނު ކޮރެޔާގައި ގާއިމުވެ ތިބޭ އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުގައި ހިމެނޭ މީހެކެވެ. އޭނާ ރަޝިޔާއަށް ދަތުރު ކޮށްފައި ވަނީ, އެނބުރި އެމެރިކާއަށް ދަތުރުކުރި މަގުމަތީގައި ރަޝިޔާގައި ހުރި ރަޙުމަތްތެރިއަކަށް ޒިޔާރަތް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެ އޮފިޝަލް ބުންޏެވެ.

ރަޝިޔާއިން ބުނީ, ވައްކަމުގެ ތުހުމަތުގައި ބްލެކް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން, ޖުލައި 2ވަނަ ދުވަހާ ހަމައަށް އޭނާ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހާފައިވާ ކަމުގައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ވްލަޑިވަސްޓޮކްގައި އަންހެނެއްގެ މުދަލުން ވައްކަން ކުރުމުގެ ތުހުމަތުގައެވެ.

ބްލެކް ހައްޔަރު ކުރުމާ އެކު, މިހާރު ވެސް ނުތަނަވަސް ކަން އުފެދި, ހީނަރުވެފައިވާ ދެ ޤައުމުގެ ގުޅުމަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ރަޝިޔާއާއި އެމެރިކާއާ ދެމެދު މި ވަގުތު އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ. ރަޝިޔާގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް އަސްކަރީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނު ސިންތިޔާ ސްމިތް ވިދާޅުވީ, އެ ޤައުމުގެ ސިފައިންގެ މީހަކު ހައްޔަރު ކޮށްފައިވާ ކަން ރަޝިޔާއިން ރަސްމީކޮށް އެމެރިކާއަށް އަންގާފައިވާ ކަމުގައެވެ. އަދި, އޭނާއަށް ބޭނުންވާ ޚާރިޖީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ރަޝިޔާއިން އެމެރިކާ ސިފައިންގެ މީހަކު ހައްޔަރު ކޮށްފައި މި ވަނީ, އެ ޤައުމުން ހައްުޔަރު ކޮށްފައިވާ އެމެރިކާގެ އެހެން ރައްޔިތުން މިނިވަން ކުރަން ޖޯ ބައިޑަންގެ ސަރުކާރުން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ހައްޔަރު ތިބި މީހުންގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ނޫސް, ވޯލް ސްޓްރީޓް ޖަރނަލްގެ ނޫސްވެރިޔާ, އެވަން ގަރޝްކޮވިޗް ހިމެނެއެވެ.

32 އަހަރުގެ ގަރޝްކޮވިޗް ހައްޔަރު ކޮށްފައި ވަނީ އެމެރިކާއަށް ޖާސޫސް ކޮށްދިނުމުގެ ކުށުގެ ތުހުމަތުގައެވެ. ރަޝިޔާގެ ސަލާމަތީ ބާރު, ފެޑެރަލް ސެކިޔުރިޓީ ސަރވިސް (އެފްއެސްބީ)ން އޭނާ ހައްުޔަރު ކޮށްފައި ވަނީ 2023ވަނަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. އޭނާއަކީ ޖާސޫސެއް ކަމަށް ރަޝިޔާއިން ކުރާ ތުހުމަތު, އެމެރިކާ ސަރުކާރުންނާއި ވޯލް ސްޓްރީޓް ޖަރނަލުން ދޮގު ކުރެއެވެ.

ގަރޝްކޮވިޗްގެ އިތުރުން އެމެރިިކާގެ ރައްޔިތެއް ކަމުގައިވާ ޕޯލް ވެލަން ވެސް ހުރީ ރަޝިޔާގެ ހައްޔަރުގައެވެ. އެމެރިކާއަށް ޖާސޫސް ކޮށްދިނުމުގެ ކުށް ސާބިތުވެ, ވެލަންގެ މައްޗަށް 16 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2020ވަނަ އަހަރުއެވެ. އެމެރިކާއިން ބުނީ, އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ހަމަނުޖެހޭ ދަޢުވާއެއް ކަމުގައެވެ. އަދި, އެ ދެ މީހުން މިނިވަން ކުރެވޭތޯ އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.