ޚަބަރު

ރައީސްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާބެހޭ ކޮލެޖްގެ މަސައްކަތް ފަށަނީ


  • ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމެވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތަކުގެ ކިޔެވުން މިއަހަރުގެ އޮގަސްޓުމަހު ފެށޭނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޤައުމީ ޔުނިވަރސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާބެހޭ ކޮލެޖު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަރސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ކޮލެޖުން ކިޔަވައިދޭނެކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ މި ކޮލެޖު ޤާއިމްކުރާނީ މާލޭގައިކަމަށެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ މުޅިން އަލަށް ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ފެށުމަށްވެސް ޔުނިވަރސިޓީން ދަނީ ތައްޔާރުވަމުންކަމަށެވެ. އަދި ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބިން ބޮޑު ރަށެއްގައިކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

"ދަނޑުވެރިކަމާ ބެހޭ ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. އެ ކޯސްތައް ހިންގުމަށް ޔުނިވަރސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އަޅުގަނޑުމެން އެދޭނަން." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރައްވާނީ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެންކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާކަންވެސް އެމަނިކުފާނު ވަނީ އޭރު ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ކޮލެޖެއްގެ އިތުރުން، މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ވަނީ ދެއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.