ޚަބަރު

އަސަދުގެ ސިޔާސަތުން ހަނގުރާމަ ނިމުމަކަށް ނާންނާނެ- އެމެރިކާ


ސޫރިޔާގައި ކުރިޔަށްދާ ހަނގުރާމަ ނިންމުމަށް ރައީސް ބައްޝާރުލް އަސަދު ގެންގުޅުއްވާ ސިޔާސަތަކީ ޢަސްކަރީގޮތުން ކުރިއެރުންތަކެއް ހޯއްދެވުން ކަމަށާ މިފަދަ ޕޮލިސީއެއް ގެންގުޅުއްވައިގެން ހަގުރާމަ ނިމުމަކަށް ނުގެނެވޭނެ ކަމުގައި އެމެރިކާގެ ސެކްރެޓަރީ އޮފްސްޓޭޓް ޖޯންކެރީ ވިދާޅުވެއްޖެއެވެ. 

ކެރީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ފެބްރުއަރީމަހު ސޫރިޔާއިން އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ކަންތައް ކުރަމުންގެންދާނަމަ އެކަމުގެ ރައްދު ދެވޭނެ ކަމުގައެވެ. ބައެއް ހިސާބުތަކަށް، ޚާއްޞަކޮށް، އުތުރުގެ ޙަލަބަށް ސަރުކާރު ސިފައިން ވައިގެމަގުން ދެމުންގެންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން، އެއްބަސްވުން އުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ފާއިތުވި ދިހަވަރަކަށް ދުވަހު ޙަލަބަށް ދިން ހަމަލާތަކުގައި މަދުވެގެން ދުއިސައްތަ ފަންސާސް މީހުންވަނީ މަރުވެފައެވެ.

ސޫރިޔާގެ ހަގުރާމަ ނިމުނަކަށް ގެނެވޭތޯ ޑިޕްލޮމެޓިކް ފެންވަރުގައި ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތްތަކެއް ކުރެވުންދާއިރު، ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގޭ ލަވްރޯވް ވަނީ ޙަމަލާތައް ނުދިނުމަށް ސޫރިޔާ ސަރުކާރުން އަމިއްލައަށް ކަޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ހަލަބްވެސް ހިމެނުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދަޅުވެފައެވެ. އދގެ މަންދޫބް ސްތަފަން ދެ މިސްތޫރާ އާއެކު މޮސްކޯގައި ބައްދަލުކުރެއްވުމަށްފަހު ލަވްރޯވް ވިދާޅުވީ ސޫރިޔާ ސިފައިން ޙަމަލާތައް ނުދިނުމަށް ކަޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ދިމިޝްޤާ ލަތާކިޔާ ހިމެނޭ ކަމަށާ، މިތަންތަނުގެ ތެރޭގައި ހަލަބްވެސް ހިމެނުމަށް އދ އަދި އެމެރިކާއާ ގުޅިގެން މޮސްކޯއިން މަސައްކަތް ކުރަމުންގެންދާކަމުގައެވެ.