ޚަބަރު

މިހާތަނަށް އިންޑިއާގެ 51 ސިފައިން ވަނީ އަނބުރާ ފޮނުވާލާފައި: ހީނާ


  • މިހާތަނަށް 2 ޕްލެޓްފޯމެއްގައި ތިބި ސިފައިން އަނބުރާވަނީ ގޮސްފައި

  • އަންނަ ހުކުރު ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބާނެ

ރާއްޖޭގެ 2 ޕްލެޓްފޯމެއްގައި ތިބި 51 އިންޑިއާ ސިފައިން މިހާތަނަށް އަނބުރާ ފޮނުވާލާފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ނިމޭނެކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި ޤާއިމްކުރި އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ. ރާއްޖޭގެ 3 ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން އިންޑިއާ ސިފައިންގެ އެއް ބަޔަކު 10 މާރިޗުގެ ކުރިން ވަނީ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މި 3 ޕްލެޓްފޯމުގެ ތެރެއިން 2 ތަނެއްގައި ތިބި އިންޑިއާގެ 51 ސިފައިން އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި ސަރުކާރުން ކުރިންވެސް ހާމަކުރައްވާފައިވާގޮތަށް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހުރިހާ ސިފައިން އަނބުރާ ޤައުމަށްދާނެކަމަށެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ. އެހެންވީމަ މެއިމަހުގެ 10 ވާންވާއިރަށް ރާއްޖޭގައި ތިބި ހުރިހާ ސިފައިން ފައިބައިގެންދާނެ." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި 3 ޕްލެޓްފޯމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން ހުކުރު ދުވަހުގެ ނިޔަލަށް އަނބުރާ ޤައުމަށް ދިއުމާއެކު، އެކަމާގުޅޭ އިތުރު ތަފްޞީލު ސަރުކާރުން ހާމަކުރައްވާނެކަމަށެވެ.

ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް އަނބުރާ ދިޔަ މީހުންގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި އެ ޤައުމުން ދީފައިވާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.