ޚަބަރު

3 ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި!


  • ސާފުކުރަނީ ސިޓީ ކައުންސިލުން އިސްނަގައިގެން

  • މަސައްކަތް ކުރަނީ ދެ ވުޒާރާއަކާއި ފުލުހުންނާއި ޕޯޓްސްއާއި ވެމްކޯ ގުޅިގެން

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 900 ޓަނަށްވުރެ ގިނަ ކުނި ނަގައިފިއެވެ.

އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ.

ވެމްކޯއިން ބުނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ހިމެނޭ ސަރަހައްދު ސާފުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ 3 ދުވަހުގެ ތެރޭގައި ނަގާފައިވާ ކުނިކަމަށްވެސް ވެމްކޯއިން ބުނެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިތުރުން ވެމްކޯ ގުޅިގެންނެވެ. އަދި މި މަސައްކަތުގައި ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ކުރިއަށް އޮތްތަނުގައި ގޭޓު ލައި ބަންދު ކުރެވޭނެއެވެ. އަދި ކުނި ގެންދަން ޖެހޭނީ އޮންނަ އުޞޫލުގެ ތެރެއިން ވެމްކޯ ޔާޑަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެތެރެ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކޮށް އެ މީހުން ޖޫރިމަނާ ކުރަމުގެ އިތުރަށް އެމީހުންގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ދަނީ އާންމުކުރަމުންނެވެ.