މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިކަމުގެ އިނާމު 2015 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ކުޅިވަރުގެ ދާއިރާގެ ޚަބަރުތައް ކުރިން ކަވަރކޮށްފައިވާ، ކުޅިވަރުގެ ދާއިރާއިން ޚިދުމަތް ކުރަމުން އަންނަ ޒާހިރު ނަޞީރަށް ލިބިވަޑައިގެންފިއެވެ.
ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދެހާސް ފަނަރައިގައި ހަތް ދާއިރާއަކުން އެވޯޑް ދެއްވިއެވެ. އެގޮތުން، ސިޔާސީ ޚަބަރުތައް ކަވަރ ކުރުމުގެ ދާއިރާއިން އެވޯޑް ލިބުނީ، ހަވީރު ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަހުމަަދަށެވެ. އޭނާ ވަނީ، 2013 ވަނަ އަހަރުގެ ނޫސްވެރިންގެ އެވޯޑުންވެސް އޮންލައިން ކެޓަގަރީން އެވޯޑް ހާސިލްކޮށްފައެވެ.
އިޖުތިމާއީ ދާއިރާއިން އެވޯޑް ލިބުނީ، ވީނިއުސްގެ ޝިފްޒާ މުސްތަފާއަށެވެ. ވިޔަފާރީގެ ދާއިރާގެ ޚަބަރުތައް ކަވަރ ކޮށްގެން އެ ދާއިރާގެ އެވޯޑް ހާސިލްކުރީ ހަވީރު ނޫހުން އާސިޔަތު މުހައްމަދު ސައީދުއެވެ. ކޯޓް ކޭސް ކަވަރ ކުރުމުގެ ދާއިރާއިން ހަވީރު ނޫހުގެ މުއިއްޒު އިބްރާހިމަށް އެވޯޑް ލިބުނުއިރު، އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ ކަމުގެ އެވޯޑް ހާސިލްކުރީ ސަން އޮންލައިނުން އަހުމަދު ސާއިލްއެވެ. ކުޅިވަރު ޚަބަރު ކަވަރ ކުރާ ނޫސްވެރިންގެ ތެރެއިން އެވޯޑް ހާސިލްކުރީ ހަވީރު ނޫހުގެ އައްޒާމް އަލިފުޅެވެ.
ފޮޓޯގްރަފީ ދާއިރާގެ އެވޯޑް ގެންދިޔައީ، ހަވީރު ނޫހުގެ ފޮޓޯގްރަފަރ ނިޝާން އަލީއެވެ. އެވޯޑްދޭން ކަނޑައެޅުއްވި ދާއިރާތަކުގެ ތެރެއިން ވީޑިއޯ ގްރަފީގެ ދާއިރާއިން އެވޯޑް ދެއްވާފައެއް ނުވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިންގެ އިނާމަކީ، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ދެއްވަމުން އަންނަ އެވޯޑެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ދެމުންގެންދެއެވެ. މިއީ ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްވަމުން އަންނަ އެވޯޑެކެވެ.