ޚަބަރު

ވަޒީފާދޭ ފަރާތްތަކާއި ދަރިވަރުންނާއި ގުޅުވައިދޭ ޕްރޮގްރާމް


ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުންނާއި، ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ޕްރޮގްރާމެއް ވިލާ ކޮލެޖުން ފަށައިފިއެވެ. 

ކޯޕަރޭޓް އެކްސެސް ޓު ސްޓޫޑެންޓް ޓެލެންޓްގެ ނަމުގައި ފެށި މި ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ ފުރަތަމަ ކުންފުންޏާއެކު ސޮއިކޮށްފައެވެ. ވިލާ ކޮލެޖުގައި އޮތް މިރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ، މިނިވަން އޮޑިޓް ފާރމެއް ކަމަށްވާ އޭ އެޗް އެންޑް އެސޯސިއޭޓްސްއާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖްގައި މިހާރު ކިޔަވާ ދަރިވަރުންނާއި، މިހާރު ދަސްވެނިވެފައިވާ ދަރިވަރުންނާއި އޭ އެޗް އެންޑް އެސޯސިއޭޓްސްގައި ހުރި ވަޒީފާގެ ފުރުޞަތުގެ މަޢުލޫމާތު ޙިއްޞާކުރުމާއި އެދަރިވަރުންނާއެކު އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އެކި ދާއިރާތަކުން ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް މިފަދަ ފުރުޞަތު ހޯދުމަށް އިތުރު ވަޒީފާދޭ ފަރާތްތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އޭ އެޗް އެންޑް އެސޯސިއޭޓްސްގެ މެނޭޖިންގ ޕާޓްނަރ ޙަސަން މުޙައްމަދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވަޒީފާތަކަށް ހޮވާ ފަރާތްތަކަށް ވަޒީފާތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ އިތުރު ތަމްރީން ހިންގޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ބައިވެރިވުމަށް މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.