ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ކުރަމުންދާ މުޒާހަރާތައް އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކަށް ފެތުރިއްޖެ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށް ގޮވައިލާ އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި މުޒާހަރާގެ އޮއިވަރެއް ފެށިފައިވާއިރު, އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކުގައި ވެސް ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި މުޒާހަރާ ކުރަން ފަށައިފިއެވެ. މި ގޮތުން, އެމެރިކާއެކޭ އެއްގޮތަށް އޮސްޓްރޭލިޔާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ދަރިވަރުންނާއި ޢާންމުން ވަނީ ފޭލިގެ ޖަހައި, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލަން ފަށާފައެވެ.

މި ފަދަ މުޒާހަރާތައް ވެރިރަށް ކެމްބެރާއާއި, ސިޑްނީއާއި މެލްބަންގެ އިތުރު ބޮޑެތި އެހެން ރަށްތަކުގެ ޔުނިވަރސިޓީތަކުގައި ވެސް ވަނީ ފަށާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ޢާންމުން ބައިވެރިވަމުން ދަނީ ޔުނިވަރސިޓީ އޮފް ސިޑްނީގެ ކެމްޕަހުގައި ކުރަމުންދާ މުޒާހަރާގައެވެ. އެއީ, އޮސްޓްރޭލިޔާގެ އެންމެ ބޮޑު އެއް ޔުނިވަރސިޓީއެވެ. އެ ތަނުގައި ކުރަމުންދާ މުޒާހަރާގައި އެތަކެއް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

މުޒާހަރާތަކުގެ ބައިވެރިން ގޮވައިލަމުން ދަނީ, ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވަން މަސައްކަތް ކުރުމަށެވެ. އެ ޢުދުވާންތައް ކުރިއަށް ގެންދަން އެއްބާރުލުން ދިނުން ހުއްޓައިލުމަށެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށެވެ. ޣައްޒާގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އޮސްޓްރޭލިޔާގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

އެމެރިކާގެ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ކުރަމުންދާ މުޒާހަރާތައް ރޫޅައިލަން އެ ޤައުމުގެ ފުލުުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. ކެމްޕަސްތަކުގައި ޖަހާފައިވާ ފޭލިގެތައް ފުލުހުން ދަނީ ރޫޅައިލަމުންނެވެ. އަދި, މުޒާހަރާގެ ބައިވެރިންނަށް ޙަމަލާދީ, އެތަކެއް ސަތޭކަ ބަޔަކަށް އަނިޔާ ކުރަމުންނެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި މިހާތަނަށް 2,000އަށްވުރެ ގިނަ ދަރިވަރުންނާއި ޢާންމުން ހައްުޔަރު ކޮށްފައިވެއެވެ.

ނަމަވެސް, އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކުން މި ފަދަ މަންޒަރެއް ފެންނަމުން ނުދެއެވެ. އޮސްޓްރޭލިޔާގެ ފުލުހުން ދަނީ, ސުލްޙަވެރިކަމާ އެކު މުޒާހަރާ ކުރުމަށް އެ ޤައުމުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި ޢާންމުންނަށް ފުރުޞަތު ދެމުންނެވެ. މުޒާހަރާ ކުރާ މީހުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން އޮސްޓްރޭލިޔާގެ ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި, މުޒާހަރާ ކުރަމުންދާ ކެމްޕަސްތައް ކައިރިއަށް ގިނަ ޢަދަދެއްގެ ފުލުހުން ފޮނުވާފައިވާ މަންޒަރެއް ވެސް ނުފެނެއެވެ.

ސިޑްނީ ޔުނިވަރސީޓީގެ ކެމްޕަހުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅޭ ގޮތުން އެ ޔުނިވަރސިޓީގެ ޗާންސެލަރުގެ ނައިބު މާކް ސްޓޮކް ވިދާޅުވީ, އެ ތަނުގައި ހިނގަމުން ދަނީ ސުލްޙަވެރި މުޒާހަރާތަކެއް ކަމަށާއި, އެ ކަން ހުއްޓުވަން ޔުނިވަރސިޓީން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގައެވެ. އަދި, މުޒާހަރާ ކުރުމަށް ޔުނިވަރސިޓީގެ ކެމްޕަސް ބޭނުން ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އޮސްޓްރޭލިޔާގެ އެންމެ ބޮޑެތި ޔުނިވަރސިޓީތަކުގެ ދަރިވަރުންނާއި ޢާންމުން ގުޅިގެން މުޒާހަރާތަކެއް ކުރަން ފަށާފައިވާއިރު, އޮސްޓްރޭލިޔާއަކީ ޒަޔަނިސްޓު އިސްރާއީލުގެ ޒަމާންވީ އެކުވެރިއެއް, އަދި މަދަދުވެރިއެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މެދު އޮސްޓްރޭލިޔާއިން ނުރުހެއެވެ. ޔަހޫދީ ފައުޖުން ދާދި ފަހުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާއެއްގައި, ޣައްޒާގައި މަސައްކަތް ކުރަމުން ދިޔަ އޮސްޓްރޭލިޔާގެ އިޖުތިމާޢީ ޚިދުމަތްތެރިއެއް މަރައިލާފައިވާ ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,622އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,867އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.