އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ނިމޭނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުން މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއެކު މިއަދު ބޭއްވި ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ނެރުއްވި ރަސްމީ ބަޔާނުގައެވެ.
ނިމިދިޔަ ސަރުކާރުގައި ޤާއިމްކުރި އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުމަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން އިންޑިއާ ސިފައިންގެ އެއް ބަޔަކު 10 މާޗުގެ ކުރިން ވަނީ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. އަދި މިމަހުގެ 10 ވަނަ ދުވަސް ނުވަތަ އަންނަ ހުކުރުދުވަހުގެ ނިޔަލަށް ބާކީ ތިބި ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރުން އެންގުުމުން އިންޑިއާއިން ވަނީ އެކަމަށް އެއްބަސްވެ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި އެ ޤައުމުން ދީފައިވާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުމުގައި އިންޑިއާ ސިފައިން ފޮނުވާލުމާއި މަޝްވަރާގެ އިތުރުން، ދެ ޤައުމުގެ ބައިލެޓްރަލް ގުޅުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ހައި ލެވަލް ކޯ ގްރޫޕްގެ 5 ވަނަ ބައްދަލުވުން ޖޫން ނުވަތަ ޖުލައިމަހު މާލޭގައި ބޭއްވުމަށްވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ބޭއްވި މަޝްވަރާގައި ނިންމެވިއެވެ.