ކުޅިވަރު

އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ހަބެއް ރާއްޖޭގައި ގާއިމުކުރުން: ރާފިޢު


ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރު ޕޫލް ބިލިއާޑް ހަބެއް ރާއްޖޭގައި ގާއިމުކުރުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕް ލޯންޗުކުރުމަށް ގައުމީ ބިލިއާޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ވަޒީރު ވިދާޅުވީ މި އަހަރު ދެވަނަ މުބާރާތެއް ބޭއްވަން ތައްޔާރުވިއިރު، މިދިޔަ އަހަރުގެ މުބާރާތް ވަރަށް ކާމިޔާބު ކަމަށެވެ. އަދި މިދިޔަ އަހަރާ ބަލާއިރު ބައިވެރިންގެ އަދަދު އިތުރުވެގެންދިޔުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި، އެކަންކަން ހާސިލުވެގެންދަނީ އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. ރާފިޢު ވިދާޅުވީ މިފަދަ ރަނގަޅު ނަތީޖާތަކެއް ރާއްޖެ ކަހަލަ ގައުމަކަށް ހާސިލުކުރެވޭނީ ކުރެވެމުންދާ މަސައްކަތްވެސް ރަނގަޅުވުމުން ކަމަށެވެ.

"
މިއީ އަޅުގަނޑުމެން ލާ ކަލެކްޓިވް އެފަޓް. މި ކަންކަމުން ލިބޭ ކުރިއެރުމަކީ އަޅުގަނޑުމެން އެންމެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުން ނުކުންނަ ނަތިޖާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މުބާރާތް އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވަމުން ރާފިޢު ވިދާޅުވީ މިހާރު ޕޫލް ބިލިއާޑް ކުޅެމުންދާ ހޯލު އިތުރަށް ތަރައްގީކުރުމުގެ މަޝްވަރާތައް ވޭތުވެދިޔަ ދެ ތިން މަހެއްގެ ތެރޭގައި ފެށި، ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުން ލިބިގެންދިޔައީ މުޅިވެން ޕޮޒިޓިވް ކޮމެންޓް ކަމަށާއި، ބައިނަލްއަގުވާމީ ކުޅުންތެރިން އުއްމީދު ނުކުރާ ފެންވަރަށް މުބާރާތުގެ ކަންތައްތައް އިންތިޒާމުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބައިނަލްއަގުވާމީ ބޮޑެތި އިވެންޓުތައް ބާއްވާ ގައުމެއްކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މުބާރާތްތައް ބާއްވަން އަމާޒުހިފަންޖެހޭ ކަމަށެވެ.

އަދި ރާއްޖެއަކީ ޕޫލް ބިލިއާޑުގެ ހަބެއްގެ ގޮތުގައި ދުނިޔެއަށް ދައްކަން ބޭނުންވާ ކަމަށާއި، އެކަން ކާމިޔާބުކުރެވޭނީ ޓްރެވަލް ޑެސްޓީނީއެއްގެ ގޮތުގައި ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވުމުން ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ އަމާޒަކީ ވިޒިޓް އިކޮނޮމީ ކޮންސެޕްޓުގެ ދަށުން، ކުޅިވަރަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާކުރާނެ ޓޫލަކަށް ހެދުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"
އަޅުގަނޑުމެންގެ އެސޯސިއޭޝަނުގައި ތިއްބެވި ބޭފުޅުންނާއި އަދި މިކަމުގައި އުޅުއްވާ ބޭފުޅުން ބޭނުންވި އަދި މިއަށްވުރެންވެސް ރަނގަޅުކުރަން. އަޅުގަނޑުމެންގެ ޓާގެޓަކީ ޕޫލް ބިލިއާޑުގެ ދުނިޔޭގެ ފެންވަރު ހަބެއް ރާއްޖޭގައި ގާއިމުކުރުން. ރާއްޖެއަކީ އެކަން ކުރެވޭނެ ގައުމެއްކަން މިހާރު ޕުރޫފް ކޮށްދީފި.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

އަންނަ ޖޫން މަހުގެ 10 އިން 14 ގެ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައި ބާއްވާ މޯލްޑިވްސް އޯޕަން މުބާރާތުގައި 96 ކުޅުންތެރިން ވާދަކުރާނެއެވެ. އެގޮތުން ބައިނަލްއަގުވާމީ 80 ކުޅުންތެރިންނާއެކު މުބާރާތުގައި 16 ދިވެހި ކުޅުންތެރިން، އެކި ކެޓެގަރީތަކުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.