ކުޅިވަރު

8 ބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ސުވައިދާއި އަޒުރާއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާޢީލް ސުވައިދު ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި އާމިނަތު އަޒުރާ ދިފާއުކޮށްފިއެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި އަންގާރަ ދުވަހުގެރޭ ކުރިއަށްދިޔަ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ސުވައިދު ކާމިޔާބުކުރީ މުޙައްމަދު ސާހިލް ހަމީދާ ވާދަކޮށް 11-8 ފްރޭމުންނެވެ. މި ފަހަރުގެ 8 ބޯލްގެ ޗެމްޕިއަންކަން ސުވައިދު ހޯދިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެކަމަކު މިދިޔަ އަހަރުގެ ފައިނަލުން ސުވައިދު ބަލިވީ ހަސަން ޝާޒް އަޙްމަދު އަތުންނެވެ.

މީގެ އިތުރުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަޒުރާ ހޯދީ ފައިނަލުގައި އާމިނަތު ހަލީމް 6-7 ފްރޭމުން ބަލިކޮށްގެންނެވެ. މި ފަހަރުގެ މުބާރާތްވެސް އަޒުރާ ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ 8 ބޯލްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފައިނަލުގައި އަޒުރާ ވަނީ ދީނާ އަޙްމަދު ބަލިކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރެއިން ފެށިގެން އަންގާރަ ދުވަހުގެރޭގެ ނިޔަލަށް ކުރިއަށްދިޔަ 8 ބޯލް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުތަކާއި ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާީމް އާމިރެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ އަށް ކުޅުންތެރިންނަށް ބަލާއިރު، ޗެމްޕިއަން ސުވައިދާއި ރަނަރަޕް ސާހިލްގެ އިތުރުން ދެން ހިމެނެނީ ތިންވަނައަށް ދިޔަ އަހުސަން ހާޝިމް އާއި، ހަތަރުވަނައިގައި އޮތް ޝާޒްއެވެ. އަދި ފަސްވަނައަށް އިސްމާޢީލް ޖީހާން ދިޔައިރު، ހަވަނައަށް ދިޔައީ މުޙައްމަދު އަކްސަމް ވަހީދެވެ. މި ބައިގެ ހަތްވަނައަށް ހުސެއިން ފަޔާޒް ދިޔައިރު، އަށްވަނަ ހޯދީ މުޙައްމަދު ޝަރީފެވެ.

މީގެ އިތުރުން އަންހެން ޑިވިޝަނުގެ ގަދަ ހަތަރެއްގައި ޗެމްޕިއަން އަޒުރާ އާއި އާމިނަތުގެ އިތުރުން ތިންވަނައިގައި އޮތީ ދީނާއެވެ. އަދި ހަތަރުވަނައަށް ދިޔައީ ފަގީހާ އިބްރާހީމެއެވެ.