ވިޔަފާރި

އެޗް.އެސް.ބީ.ސީގެ ފައިދާ 14 އިންސައްތަ ދަށަށް !


ދުނިޔޭގެ ފެންވަރުގައި ބިޔަ ބޭންކެއްގެ ގޮތުގައި ގުނާލެވޭ އެޗްއެސްބީސީ ބޭންކަށް މި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބުނު ފައިދާގެ ނިސްބަތް 14 އިންސައްތަ ދަށަށް ހިގައްޖެއެވެ.

މި މުއްދަތުގައި ބޭންކަށް ލިބުނު ފައިދާ ހަޔެއް ޕޮއިންޓް އެކެއް ބިލިއަން ޑޮލަރަށް އަރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަތެއް ޕޮއިންޓް އެކެއް ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިކަން ފާހަގަކޮށް އެޗްއެސްބީސީ އިން ބުނެފައިވަނީ ފައިދާ މަދުވުމަށް ދިމާވެފައިވަނީ މާލީ މާކެޓަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމުގައެވެ. އަދި ކުރިޔަށް އޮތްތަނުގައި މިހެން ދިމާވިޔަ ނުދިނުމަށް އަޅާ ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް މިއަދު ހާމަކުރާނެ ކަމަށް އެޗްއެސްބީސީން ބުނެފައިވެއެވެ.

މިއަހަރު ކުރީ ކޮޅުވެސް އެ ބޭންކުންވަނީ ދެހާސް ސަތާރަވަނަ އަހަރުގެ ނިޔަލަށް ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް އިޢުލާނުކޮށްފައެވެ. މިގޮތުން އިތުރު މުވައްޒަފުން ހޯދުމާއި މުސާރަ ބޮޑުކުރުމުގެ ކަންކަން ވަގުތީ ގޮތުން ހުއްޓާލާކަން އިޢުލާނުކޮށްފައިވެއެވެ. މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެޗްއެސްބީސީގެ ޖުމްލަ އާމްދަނީ ތޭރަ ޕޮއިންޓް ނުވަޔެއް ބިލިއަން ޑޮލަރަށް އަރާއިރު މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ރިކޯޑްކުރެވުނު އާމްދަނީއަށްވުރެ ހަތަރެއް އިންސައްތައިގެ ވެއްޓުމެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މާލީ ތަފްސީލް ހާމަކޮށް ބޭންކުން ނެރެފައިވާ ބަޔާން ބުނާގޮތުން އޭޝިޔާ ސަރަހައްދުގައި އެ ބޭންކުން ކުރާ ވިޔަފާރި ދަނީ އިތުރުވަމުންނެވެ. ނަވާރަ ސަތޭކަ ނުވަދިހަ ތިނަކުން ފެށިގެން އެޗްއެސްބީސީ ބޭންކްގެ މައި ހެޑްކުއާޓާޒް އިގިރޭސިވިލާތުގައި ހުރި ނަމަވެސް ބޭންކުގެ ގިނަ މުޢާމަލާތްތައް ހިނގަނީ އެ ޤައުމުން ބޭރުގައެވެ. އަދި އެންމެ ބޮޑުފައިދާއެއް ރެކޯޑް ކުރެވިފައިވީ އޭޝިޔާއިން ކަމަށް އެބޭންކުން ބުނެއެވެ.