ޚަބަރު

ޗިކުންގުންޔާ ކޭސްތައް 134 އަކަށް، ގިނައީ މާލޭ ސަރަހައްދުގައި


  • އެންމެ ގިނައިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން

  • ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުން

މިހާރު ފެތުރެމުންދާ ޗިކުންގުންޔާ ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 134 އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

އެޗް.ޕީ.އޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ ޗިކުންގުންޔާގެ 130 ކޭސްއެވެ. ބާކީ 4 ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

މާލެއިން މިހާތަނަށް 96 ޗިކުންގުންޔާގެ ކޭސް ފެނިފައިފައިވެއެވެ. އަދި ހުޅުމާލެއިން މި ބައްޔަށް 34 މީހުން ޕޮޒިޓިވް ވެފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކައެވެ. މިއާއެކު މި ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭ ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެޗް.ޕީ.އޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ބަލި އެންމެ ގިނައިން ޖެހިފައިނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ ފަރާތްތަކެވެ. އަދި ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތައް ކަމަށް އެޗް.ޕީ.އޭއިން ފާހަގަކުރެއެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.