ޚަބަރު

ހަނީމޫން ހޭދަކުރުމަށް ގިނަ ބަޔަކަށް އެންމެ ކަމުދާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


  • ގަދަ 3 ގައި ރާއްޖެ ހިމެނުނީ މަޤްބޫލް މަންޒިލްތަކެއް ފަހަތަށް ޖައްސާލުމަށްފަހު

ހަނީމޫން ހޭދަކޮށްލުމަށް އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގެ ގަދަ ތިނެއްގައި ރާއްޖެ ހިމެނިއްޖެއެވެ.

ރާއްޖެއިން މި މަޤާމު ހާސިލުކޮށްފައިވަނީ ތަފާސް ހިސާބު އާންމުކުރާ "ވޯލްޑް އޮފް ސްޓެޓިސްޓިކް" އިން އާންމުކޮށްފައިވާ މައުލޫމާތުތަކެއްގައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށި 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ނަން ހިނގާ ފަތުރުވެރިކަމުގެ ކާމިޔާބު މަންޒިލެކެވެ. އަދި ދުނިޔޭގެ އެހެން ބައެއް ޤައުމުތައް ފަތުރުވެރިކަމުގައި މިސާލު ނަގާ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ.

ތަފާސް ހިސާބު އާންމުކުރާ "ވޯލްޑް އޮފް ސްޓެޓިސްޓިކް" އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހަނީމޫން ހޭދަކުރުމަށް މުޅި ދުނިޔޭންވެސް އެންމެ މަޤްބޫލު މަންޒިލްތަކުގެ 3 ވަނައިގައި އޮތީ ރާއްޖެއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ޓްރިޕް އެޑްވައިޒަރ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށެވެ.

މި ލިސްޓުގެ 2 ވަނައިގައި އޮތީ ވިއެޓްނާމްގެ ސިޓީއެއްކަމަށްވާ ހޮއި އަންއެވެ. އަދި 1 ވަނައިގައި އޮތީ އިންޑޮނޭޝިއާގެ ބާލީއެވެ. ދުނިޔޭގެ ބައެއް މަޝްހޫރު އެހެން މަންޒިލްތައްކަމަށްވާ މޮރީޝަސް، ސެންޓޯރިނީ، އަދި ވެނިސް ފަދަ މަންޒިލްތައްވެސް އޮތީ ރާއްޖެއަށްވުރެ ފަހަތުގައެވެ.

ރާއްޖެއަކީ އަބަދުވެސް ހަނީމޫން ހޭދަކުރަން އަންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މީގެކުރިންވެސް ދުނިޔޭގެ އެކިއެކި ޓްރެވެލް އެޖެންސީތަކާއި ބައިނަލްއަޤްވާމީ ޙަބަރުތައް ގެނެސްދޭ ފަރާތްތަކާއި މަޝްހޫރު ވެބްސައިޓްތަކުން ހަދާފައިވާ ދިރާސާތަކުންވެސް ރާއްޖެ ވަނީ އެންމެ މަޤްބޫލު ހަނީމޫން ޑެސްޓިނޭޝަންގެ މަޤާމު ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 728950 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 77،709 ފަތުރުވެރިންނެވެ.