ކުޅިވަރު

އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސްގައި ރާފިޢު ބައިވެރިވެވަޑައިގެންފި


18 ވަނަ އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސް އަދި އަށްވަނަ އައިއެސްއެން އިންޓަރނޭޝަނަލް ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ސައިންސް ކޮންފަރެންސްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 26 އިން 28 ގެ ނިޔަލަށް މެލޭޝިއާގައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ކޮންގްރެސް ރަސްމީކޮށް ހުޅުއްވައިދެއްވީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާޢީލެވެ.

މި ކޮންގްރެސްގައި ރާފިޢު ވަނީ ރާއްޖޭގެ "ލޯންގް ޓާރމް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖިކް ޕްލޭނިން އޮފް ސްޕޯޓްސް" އާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ކޮންގްރެސްގައި ހުށަހަޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން މި ކޮންގްރެސްގެ ތެރެއިން ރާފިޢު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާޢީލް އަދި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ހަންނާހް ޔެއޯއާ ބައްދަލުކުރައްވައި، ރާއްޖޭގެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މެލޭޝިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އެމްއޯޔޫއެއްގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.