ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރު، ފްރާންސްގެ ރައީސްއާ ބައްދަލުކުރައްވައިފި


ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ފަރަންސޭސިވިލާތުގެ ރައީސް ފޮންސުވާ އޮލޯންދްއާއި ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިޔަށް ގެންގޮސްފައި މިވަނީ މިމަހުގެ 26-27 އަށް ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސެވަން ޤައުމުތަކުގެ ބައްދަލުވުމުގެ ކުރިން އަބޭ ޔޫރަޕްގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ޔޫރަޕަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އަބޭ ވަނީ އިޓަލީގެ ބޮޑުވަޒީރު މަތެއޯ ރެެންޒީއާއިވެސް ބައްދަލުކުރައްވާފައެވެ.

ފްރާންސްގެ ރައީސް އޮލޯންދް ވިދާޅުވީ ގޮތުގައި މިފަހަރުގެ ޖީ7ގެ ބައްދަލުވުމުގެ ޒަރިއްޔާއިން ދުނިޔޭގެ ބޭހުގެ އަގުތައް ދަށްކުރުމަށް މަސައްކަތް ފަށާނެކަމަށެވެ. އަދި ޖީސެވަން އެޖެންޑާގައި މިހާރު މިކަން ހިމަނާފައިވާކަމަށާއި، ޖީސެވަން ބައްދަލުވުމަށްފަހު ޤައުމުތަކުގެ ސިއްހަތާއި ބެހޭ ވަޒީރުން ބޭސް އުފައްދާ ކުންފުނިތަކާއި ކަމާއިބެހޭ ވުޒާރާތަކާއި އެކު ސެޕްޓެމްބަރުމަހު ވެސް މިކަމާއި ބެހޭ ބައްދަލުވުންތައް ބާއްވާ އުސޫލުތައް ކަޑައެޅުމުގައި މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.