ދުނިޔެ

އިރާޤުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 14 މީހުން މަރުވެއްޖެ


އިރާޤުގެ އެކި ހިސާބުތަކުގައި ބޮންތަކެއް ގޮއްވާލާ 14 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އިއްޔެ އިރާޤުގެ ބަޣުދާދާ ކައިރި ސަރަހައްދުތަކުގައި ދިން މިހަމަލާތަކުގައި އަޅުކަންކުރުމުގައި ހަރަކާތްތެރިވި ޝިއީންގެ ގިނަ ބައެއްވެސް ވަނީ މަރުވެފައެވެ.

މީގެތެރެއިން އެންމެ ބޮޑު ބޮން ގޮއްވާލާފައިވަނީ ބަޣުދާދުގެ ސައިދިޔާ ޑިސްޓްރިކްޓްގައެވެ. ސައިދިޔާ ޑިސްޓްރިކްޓްގައި ދިން މިބޮމުގެ ހަމަލާގެ ޒިންމާ އައި.އެސް ޖަމައަތުން ވަނީ އުފިލާފައިވާއިރު، މިހަމަލާގައި ވަނީ 11 މީހުންމަރުވެ، 30 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އައި.އެސް ހަނގުރާމަވެރިން ދަނީ އިރާޤުގެ އަސްކަރިއްޔާއާއި ޝިއީންގެ މީހުންނަށް އަމާޒުކޮށް އާންމުކޮށް މިފަދަ ހަމަލާތައް ދެމުންނެވެ.

އައި.އެސް ގްރޫޕުން އޮންލައިންކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލައަށް މަރުވެގެން އެމީހުންގެ ހަނގުރާމަވެރިއެއް ދިން ސައިދިޔާގައި ބޮމުގެ ހަމަލާއެއް ދީފައިވާކަމަށެވެ. އަދި މިހަމަލާ އަމާޒުކޮށްފައިވަނީ ޝިއީންގެ ބަޔަކަށްކަމަށް އެޖަމާއަތުން ބުނެއެވެ. އައި.އެސްއިން ބުނީ މިހަމަލާއަކީ އެމީހުންގެ ލީޑަރަކު މަރާލާފައިވާތީ ޝިއީންނާއި އިރާޤުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއްކަމަށެވެ.