މުނިފޫހިފިލުވުން

ބޮޑެތި ޝޯވތައް ބާއްވަން އިންޑޯ ހޯލެއް ތަރައްޤީކުރަނީ


ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ކޮޅަށްޖަހާ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން ފަންނާނުންނަށް، އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ބޮޑެތި ޝޯވތައް ބޭއްވޭވަރުގެ އިންޑޯ ހޯލެއް ވަރަށް އަވަހަށް ޤާއިމުކޮށްދޭނެކަމަށް ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ. 

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ޝޯވގައި ވާހަކަދައްކަވަމުން، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އާއްމުން ބަލައިގަންނަ ފެންވަރުގެ ބޮޑެތި ޝޯވތައް ގެނެސްދިނުމަށް އެކަށީގެންވާ ވަރުގެ ޖާގައެއް ރާއްޖޭގައި ޤާއިމުވެފައިނެތުންކަމަށެވެ. އެހެންކަމުން އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ޕީ.އެސް.އެމްގެ ފަރާތުން ރާއްޖޭގައި އިންޑޯ ހޯލެއް ޤާއިމުކޮށްދެއްވާނެކަމަށާއި، މި ހޯލް ވެގެންދާނީ، އެއްފަހަރާއި ދެ ހާހާއި ތިން ހާހާއި ދެމެދުގެ މީހުންނަށް ވަދެވޭވަރުގެ، ފެންވަރު ރަނގަޅު ހޯލެއްކަމަށް ޚަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ ހުނަރުވެރި ފަންނާނުންގެ ހުނަރުތައް، ރާއްޖޭން ބޭރުގެ ޤައުމުތަކަށް ދައްކުވައިދިނުމަށްޓަކައި ޕީ.އެސް.އެމްގެ ފަރާތުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ބާއްވާ ބޮޑެތި މިއުޒިކް ޝޯވތަކާއި، ފެސްޓިވަލްތަކުގައި ދިވެހި ފަންނާނުންނަށް އެފަރާތްތަކުގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ޕީ.އެސް.އެމުން ދަނީ ފަހިކޮށްދެމުންނެވެ. އޭގެތެރޭގައި އޭބީޔޫ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގް ފެސްޓިވަލް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުގައި ދިވެހި ފަންނާނުންނަށް ލަވަހުށައަޅާދިނުމުގެ ފުރުސަތު ޕީ.އެސް.އެމުން ފަހިކޮށްދީފައިވެއެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ޓޮޕް ޓެންގައި ހިމެނުނު ބައިވެރިންނާއެކު، ޓްލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެފަރާތްތަކަށް ތަމްރީންގެ ފުރުސަތުތައް ޕީ.އެސް.އެމްގެ ފަރާތުން ހުޅުވާލާފައިވާއިރު، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ މުހިއްމު ޖަމިއްޔާތަކާއި، ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމަށްވެސް ޕީ.އެސް.އެމްގެ ފަރާތުން ދަނީ މަސައްކަތްކުރަމުންނެވެ.