ޚަބަރު

ރައީސް އޮފީހަށް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ހީނާ


  • މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވެސް ނޫސްވެރިންނަށް ފޯނު ވެއްދުމުގެ ހުއްދަ ދިން

  • ކުރިއަށް އޮތްތަނުގައި ވެސް ހުއްދަ ލިބޭނެ ކަމަށް ތަރުޖަމާނު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށެވެ. އެގޮތުން، މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވެސް ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުގައި ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

މި ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރުން ކަމަށެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައިވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށްދާ ނޫސްވެރީންނަށް ފޯނާއެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސައިދޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.