ކުޅިވަރު

"އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުން ކުޅިވަރުގެ އަޚުލާގާއި ޓީމު ވޯކް ފެނިގެންދާނެ"


މާލެގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕަކީ ކުޅިވަރުގެ އަޚުލާގާއި، ޓީމު ވޯކް އަދި ހިތްވަރު ފެނިގެންދާ މުބާރާތެއް ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

މުބާރާތް ރަސްމީކޮށް ފެށުމެއް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ އެ ކުޅިވަރުގައި އެކުވެރި ގައުމަތަކުން ދައްކަމުންދާ ހިތްވަރަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އެތުލީޓުން ހިތްވަރު ހޯދައި، ނަމޫނާ ނަގަންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ މުބާރާތެއް ނަމަވެސް، އެތުލީޓުންގެ މެދުގައި އޮންނަ އެކުވެރިކަން ފާހަގަކުރެވިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އުއްމީދަކީ މުބާރާތުން ގިނަގުނަ ތަޖުރިބާތަކެއް ލިބިގެންދިޔުން ކަމަށެވެ. އަދި ވޯލްޑް ކެރަމް ފެޑެރޭޝަނާ ގާތްގުޅުމެއް ބާއްވާމުންދާ ސިންކޯގެ ވެރިޔާ މަނީޝް ކޯލީގެ ބަހައްޓަވާ ގާތް ކަމަށް ރަޝީދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

"
މި މުބާރާތުން ކެރަމް ކުޅުންތެރިންގެ ހުނަރާ އަގުވަޒަން ކުރެވިގެންދޭ. މިއީ ކުޅިވަރުގެ އަޚުލާގާއި ޓީމް ވޯކް އަދި ހިތްވަރުގެ އިތުރުން އިހުތިރާމް ލިބިގެންދާ މުބާރާތެއް. މި ކުޅިވަރުގައި ތި ހުރިހާ އެންމެ ދެމިތިބުމަކީ އަޅުގަނޑުމެންނަސްވެސް ލިބިގެންދާ އެންމެ ބޮޑު ހިތްވަރު.
އިބްރާހީމް ރަޝީދު - ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް

މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލު ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑަށެވެ. އެގޮތުން މުޅި މުބާރާތަށް އެ ހޯލުގައި 24 ބޯޑެއް ވަނީ ބަހައްޓާފައެވެ. އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން އާއި މޯލްޑިވްސް ކެރަމް އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތް މި ފަހަރު މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.