ކުޅިވަރު

100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ހަމްނާ އައުކޮށްފި


އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ހަމްނާ އަޙްމަދު އައުކޮށްފިއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ / އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ހަމްނާ މި ރިކޯޑު އައުކޮށްފައި ވަނީ އެއް މިނެޓު 17.69 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިންވެސް އޮތީ ހަމްނާގެ އަތުގައެވެ. އެއީ މިދިޔަ އަހަރު ބޭއްވި 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓު 18.17 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މެލޭޝިއާގައި ކުރިއަށްދާ މުބާރާތުގައި ހަމްނާ ރިކޯޑެއް ގާއިމުކުރިއިރު، މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން ހެދި ހަތަރުވަނަ ގައުމީ ރިކޯޑެވެ. އެގޮތުން މީގެ ކުރިން މުޙައްމަދު ރިހާން ޝިހާމް ދެ ރިކޯޑެއް ހެދިއިރު، ހަނާން ހުސައިން ހަލީމްވެސް ވަނީ ގައުމީ ރިކޯޑެއް އައުކޮށްފައެވެ.