އައިޖީއެމްއެޗުގައި ހިންގަމުން އައި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް، އެ ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރުމުން ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެދަރިވަރުންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމުކުރީ 2018 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިހާރު މެޑިކަލް ސްކޫލް ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމުމާ ގުޅިގެން އެމްއެންޔޫ މެޑިކަލް ސްކޫލްގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ އިސް ފަރާތްތަކާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ސަރުކާރާ ހިއްސާކޮށްފައިވާކަމަށް އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން ނެރުނު ބަޔާނުގައި ވަނީ މި ބައްދަލުވުމުގެ ތެރެއިން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާ ކަމަށެވެ. އަދި މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ފެސިލިޓީއަށްވުރެ މާ ފުރިހަމަ ތަނެއް މެޑިކަލް ސްކޫލްގެ ދަރިވަރުންނަށް ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ހަމައެއާއެކު ޞިއްޙީ ދާއިރާއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަރުން ބޭނުންވާ ދާއިރާއެއްކަން މި ބައްދަލުވުމުގައި ރައީސް އޮފީހުން ފާހަގަކުރައްވާފައިވާކަމަށް ސްޓޫޑެންޓް ޔޫނިއަންގެ ބަޔާނުގައިވެއެވެ.
މެޑިކަލް ސްކޫލްގެ ދަރިވަރުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، ދާއިމީކޮށް މެޑިކަލް ދަރިވަރުންނަށް ކިޔަވައިދޭނީ މެޑިކަލް ސްކޫލް ހިންގުމަށް ޚާއްސަކޮށް ހުޅުމާލޭގައި ތަރައްޤީކުރާ ޤައުމީ ޔުނިވަރސިޓީގެ ދާއިމީ ކެމްޕަހުގައި ކަމަށެވެ.
މެޑިކަލް ސްކޫލް ހިންގުމަށް ޚާއްސަކޮށް ހުޅުމާލޭގައި ތަރައްޤީކުރާ ޢިމާރާތް އަޅަނީ ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުންނެވެ. މެޑިކަލް ސްކޫލްގެ އިތުރުން ހުޅުމާލޭގައި ޤައުމީ ޔުނިވަރސިޓީގެ ޓީޗިންގ ހޮސްޕިޓަލެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، މެޑިކަލް ސްކޫލް ޤާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގައި މިހާރު 200 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.