ކުޅިވަރު

ގައުމީ ކްރިކެޓް މުބާރާތް: ސީބީއެލް އާއި މިލާނަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ސީބީއެލް ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިދިޔަ ހުކުރު ދުވަހު ފެށި މި މުބާރާތުގައި ފަސް ޓީމެއް ވާދަކުރެއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، އެންމެ ކުރީގައި ނިންމާ ދެ ޓީމު ފައިނަލް މެޗުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސީބީއެލް މޮޅުވީ ނިއު ސްޓަރ އަތުން ނުވަ ވިކެޓުންނެވެ. ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ނިއު ސްޓަރ އެންމެ ފުރަތަމަ ކުޅެން އަރައި 25.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 29 ލަނޑު ހެދި މުޙައްމަދު ޝިޔާމެވެ. ޖަވާބުގައި ސީބީއެލް ކުޅެން އަރައި 13.1 އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 99 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 41 ބޯޅައިން 40 ލަނޑު އެއްކުރި އާޝަ ޔާޕައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުން މިލާން މޮޅުވީ މާލޭ ވެޓެރަންސްއާ ބައްދަލުކޮށް 17 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 48 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 290 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 99 ބޯޅައިން 84 ލަނޑު ހެދި އިބްރާހީމް ނަޝާތާއި، 101 ބޯޅައިން 72 ލަނޑު އެއްކުރި ޔޫސުފް އަޒިޔާނެވެ. ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެން އަރައި ނުވަވަނަ އޯވަރުގައި ވިއްސާރަވެގެން ކުޅުން ހުއްޓާލިއިރު ހެދިފައިވަނީ 56 ލަނޑެވެ. އެއާއެކު ވިއްސާރައަށްފަހު އަމްޕަޔަރުން ނިންމީ 28 އޯވަރު ކުޅޭ ގޮތަށެވެ. 28 އޯވަރުގައި މާލޭ ވެޓެރަންސްއަށް ހަދަން ޖެހުނީ 200 ލަނޑެވެ. އެކަމަކު 28 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 183 ލަނޑެވެ. މާލޭ ވެޓެރަންސްއިން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 42 ލަނޑު ހެދި އިރާންދަ ސަންޖީވާއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހެވެ. އެ ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ފުވައްމުލައް ކްރިކެޓް އެކެޑަމީ އާއި ސީބީއެލްއެވެ.