ޚަބަރު

ކޯސްތައް ކުރިއަށްގެންދަނީ ނުކުޅެދޭ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް: އައިޔޫއެމް


  • ނުކުޅެދޭ ފަރާތްތަކަށްވެސް މަތީ ތަޢުލީމަށް ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއް

  • ނުކުޅެދޭ ފަރާތްތަކަށް ކިޔަވައިދިނުމަށް ލެކްޗަރަރއިން ވަނީ ތަމްރީންކޮށްފައި

  • ނުކުޅެދޭ ބައެއް ކުދިން މިހާރު ދަނީ އައިޔޫއެމްގައި މާސްޓަރސް ހާސިލްކުރަމުން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ބައްޓަންކޮށްފަޢި ހުންނާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކޯހުގައި ބައިވެރިވެގެން ކިޔެވޭ ގޮތަށްކަމަށް އައިޔޫއެމްގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އަޙުމަދު އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކުންވެސް މަތީ ތަޢުލީމަށް ކިޔެވުމާއި އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެންޕޭނުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދޭ ފަރާތްތަކަށްވެސް ތަޢުލީމާއި ތަމްރީން ލިބެންޖެހޭކަމަށާއި، އެހެންކަމުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެމަށް ވައުދުވެވަޑައިގެންފަޢެވެ.

ރައީސް ޑރ. މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަތީ ތަޢުލީމަށް ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތާ ދަނީ ތަންފީޒުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އަޙުމަދު އަމީން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގައި މިހާރުވެސް ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކިޔަވަމުންދާ ކަމަށެވެ. އަދި ޤައުމެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވެގެންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެހެން ޔުނިވާސިޓީގެ ކޯސްތައް ބައްޓަންވެފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވަކި ކޯސްތަކެއް ނުވަތަ ޕްރޮގުރާމުތަކެއް ޚާއްސަކޮށްފައިނުވާކަމަށާއި އެހެންނަމަވެސް އައިޔޫއެމްގެ ހުރިހާ ޕްރޮގުރާމެއްގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވަނީ އެފަދަ ކުދިންނަށް ފަހިވާނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މީގެ ކުރިން ނުކުޅެދޭ ކުދިންނަށް ތަމްރީން ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ބައެއް ލެކްޗަރާއިންނާއި މުވައްޒަފުން އެފަދަ ކުދިންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް ހިންގާފައި." އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ އައިޔޫއެމްގައިކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކުދިން އައިޔޫއެމްގައި ޑިޕްލޮމާއާއި ޑިގްރީ ހާސިލްކޮށްފައިވާ ކަމަށާއި ބައެއް ދަރިވަރުން މާސްޓަރސް ޑިގްރީގެ ޕްރޮގުރާމުތައްވެސް މިހާރު ފުރިހަމަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.