ޚަބަރު

އައިޔޫއެންސީއާއެކު އެމްއެންޔޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފި


ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ސައިންސުން ހިންގަވާ ތިމާވެށީގެ ދާއިރާގެ ކޯހަކަށް، ފަންނީ އެހީތެރިކަން ދިނުމަށް، ބައިނަލްޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ، އައި.ޔޫ.އެން.ސީން އެއްބަސްވެއްޖެއެވެ. 

އިންޓަނޭޝަނަލް ޔޫނިއަން ފޮރ ދަ ކޮންޒަރވޭޝަން އޮފް ނޭޗަރ، އައި.ޔޫ.އެން.ސީއަކީ، ދުނިޔޭގެ ދިރުންތައް ދެމެހެއްޓުމަށްޓަކައި، ތަފާތު އެތައް ޕްރޮޖެކްޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޖަމްއިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އެހީތެރިވުމަށް ހަމަޖެހިފައިވަނީ، ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ސައިންސްއިން ހިންގަވަމުން ގެންދަވާ، ބެޗްލަރ އޮފް ސައިންސް، އިން އެންވަޔަރމަންޓް މެނޭޖްމަންޓް ކޯހަށެވެ. އެގޮތުން މިކޯސް، އިތުރަށް ފުރިހަމަކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށާއި، މި ކޯހުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްވެސް ހުޅުވާލާފައެވެ. ޤައުމީ ޔުނިވަސިޓީގައި މިއަދު ވަނީ މިކަމާ ގުޅޭގޮތުން އައި.ޔޫ.އެން.ސީއާއެކު އެމް.އޯ.ޔޫއެއްގައި ސޮއި ކުރައްވާފައެވެ. 

ފެކަލްޓީ އޮފް ސައިންސްގެ ޑީން، ޑރ. ޝަޒްލާ މުޙައްމަދު ވިދާޅުވީ، އައި.ޔޫ.އެން.ސީއާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން، އެ ފެކަލްޓީން ހިންގުމަށް ރާއްވަވަމުން ގެންދަވާ، މެރިން ބަޔޮލޮޖީގެ ކޯސްތައް ފަރުމާކުރުމަށްވެސް އެ ޖަމްޢިއްޔާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އައި.ޔޫ.އެން.ސީގެ ޗީފް އޮފް ޕާޓީ ޑރ. އަމީރު ޢަބްދުﷲ ވަނީ ރާއްޖެ ފަދަ ވަށައިގެން ކަނޑު އޮތް ޤައުމެއްގައި ތިމާވެށީގެ ދިރުންތަކުގެ ދާއިރާފަދަ ދާއިރާތަކުން މީހުން ބިނާކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމީ ޔުނިވަސިޓީއާއެކު މަސައްކަތް ކުރުމަށް ފުރުޞަތު ލިބިގެން ދިއުމަކީ އުފާކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.