ޚަބަރު

އެމްއެމްއައި އިން ކުރިއަށްގެންދިޔަ މަދަހަ ވޯކްޝޮޕްގައި ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ދީފި


  • މި ވޯކްޝޮޕްގައި 71 ކުއްޖަކު ވަނީ ބައިވެރިވެފައި

  • ވޯކްޝޮޕް ކުރިއަށްދިޔައީ 6 ގްރޫޕަކަށް ބަހާލައިގެން

  • އަންނަ މަހުވެސް ތަފާތު ގިނަ ކުރު ކޯސްތަކެއް އޮންނާނެ

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ "މަދަހަ ލާނިންގ އެންޑް ރިސައިޓަލް ވޯކްޝޮޕް"ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެމްއެމްއައިގެ "މަދަހަ ލާނިންގ އެންޑް ރިސައިޓަލް ވޯކްޝޮޕް"ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕަބްލިސް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ. މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއައި ހިންގެވުމާއި ހަވާލުވެހުންނެވި މުޙައްމަދު ޖިނާހް ވިދާޅުވީ، އަމާޒަކީ މިފަދަ ވޯކްޝޮޕްތަކުން ކަންކަން ދަސްކުރުމުގެ އިތުރުން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދިނުންކަމަށެވެ. ޖިނާޙް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްއެމްއައި ރީސްޓްރަކްޗަރވެގެން އަންނައިރު ތަފާތު ގިނަ ވޯކްޝޮޕްތަކެއް ހިންގިގެން އަންނާނެކަމަށެވެ.

ޖިނާހް ވިދާޅުވީ، އަންނަ މަހުގެ 4 ގައި އެމްއެމްއައިއިން ޗުއްޓީއާއި ދިމާކޮށް ކުރު ކޯސްތަކެއް ފަށަން ހަމަޖެހިފައިވާކަމަށެވެ. މީގެތެރޭގައި ކުދިންނާއި ގުޅޭ ތަފާތު ގިނަ ކޯސްތައް ހިމެނޭކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޚަބަރުކިޔުމާއި، ޕްރޮގްރާމް ހުށައެޅުމާއި، ކެމެރާކުރަން ދަސްކޮށްދޭ ކޯސްތައް ހިމެނޭކަމަށް ޖިނާހް ފާހަގަކުރެއްވިއެވެ.

"ވަރަށް ބައިވަރު ޕްރޮގްރާމްތަކެއް އެބަހުރި. ޓީވީ ޕްރެޒެންޓިން އެބަހުރި. އިންގްލިޝް ނިއުސް ރީޑިން އެބަހުރި. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ވޯކްޝޮޕްތަކުގެ ތެރޭ ކެމެރާ ކުރުމާއި، އެޑިޓްކުރަން ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތުތައްވެސް އެބަހުރި. ޖާނަލިޒަމްގެ ދާއިރާއިން ކުރިއަށްދާން ކުދިކުދި ވޯކްޝޮޕްތަކެއްވެސް އެބަހުރި". ޖިނާހް ވިދާޅުވިއެވެ.

އެމްއެމްއައިއިން ކުރިއަށްގެންދިޔަ "މަދަހަ ލާނިންގ އެންޑް ރިސައިޓަލް ވޯކްޝޮޕް" ކުރިއަށްގެންގޮސްފައިވަނީ 6 ގްރޫޕަކަށް ބަހާލައިގެންނެވެ. މި ވޯކްޝޮޕްގައި 71 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި މި ކުދިން ވަނީ މަދަހަ ހުށައަޅާދީފައެވެ.