މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ބަންދުކޮށްފި


މޯލްޑިވިއަން އައިޑަލްގެ ޓައިޓްލްއަށް ވާދަކުރާ ގަދަ 3 ބައިވެރިންނަށް ވޯޓުލުމަށް އެސް.އެމް.އެސްކުރުމަށް ހުޅުވާލާފައިވާ ވޯޓިން ލައިން ބަންދުކޮށްފިއެވެ.

މި 3 ބައިވެރިންނަށް ވޯޓުލުމަށް ހުޅުވާލާފައިވާ ފުރުޞަތު ބަންދުކޮށްފައިވަނީ މިއަދު ހަވީރު 4 ޖެހުމާއެކުއެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

img:http://s3.psmnews.mv/images/660x400/14621723237801.jpg|މޯލްޑިވިއަން އައިޑަލް - ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިންނަކީ ޝަލަބީ ޢިބްރާހީމް، ލައިޝާ ޖުނައިދު އަދި މުހައްމަދު އިޝާނެވެ. މި 3 ބައިވެރިންނާއެކު ގްރޭންޑް ފިނާލޭގެ ޕާފޯމެންސް ނައިޓް ވަނީ މިދިޔަ ހުކުރު ދުވަހު ރޭ ޓީ.ވީ.އެމުން ދައްކާފައެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ޓައިޓްލް ހޯދާ ފަރާތެއް އިޢުލާންކުރުމަށް ބާއްވާ "ގްރޭންޑް ފިނާލޭ" މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. ފޯރިގަދަ ހުށައެޅުންތަކަކާއި، ގިނަ ސަޕްރައިޒްތަކަކާއެކު މޯލްޑިވިއަން އައިޑަލްގެ "ގްރޭންޑް ފިނާލޭ" ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށްޓަކައި، ޕީ.އެސް.އެމުން ދިން ދަޢުވަތު ޤަބޫލުކޮށް، އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ އިއްޔެ ރާއްޖެ އައިސްފައިވާއިރު، މިރޭގެ ޝޯވގައި އޭނާ ލައިވްކޮށް ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

img:http://s3.psmnews.mv/images/660x400/14620851408905.jpg|އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރި/ ފޮޓޯ: ޕީ.އެސް.އެމް

މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ މަޝްހޫރު 3 ލަވަކިޔުންތެރިއެއް ޕާފޯމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝަލަބީ އިބްރާހީމާއެކު މީރާ މުޙައްމަދު މާޖިދު ފެނިގެންދާއިރު، ލައިޝާ ޖުނައިދާއެކު ޝަންމޫން މުހައްމަދު ފެނިގެންދާނެއެވެ. އަދި މުޙައްމަދު އިޝާންއާއެކު ރާފިޢަތު ރަމީޒާ ފެނިގެންދާނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ހޯދާ ފަރާތެއް މިރޭ އިޢުލާންކުރެވިގެންދާއިރު، މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ދެ މިލިއަން ރުފިޔާއަށްވުރެ އަގުހުރި އިނާމް ވަނީ ހުށައަޅާފައެވެ. ހަމައެހެންމެ ދެވަނަ އަދި ތިންވަނަ ހޯދާ ފަރާތަކަށްވެސް އަގުހުރި އިނާމްތަކެއް ހުށައަޅާފައިވެއެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށްޓަކައި ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.