ކުޅިވަރު

ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިޚާބުކުރެއްވި ތިންވަނަ އަންހެން މެންބަރަކަށް މުއުމިނާ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ މެންބަރަކަށް މުއުމިނާ ސަލީމް (މޫންޓީ) އިންތިޚާބުކުރައްވައިފިއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީއަށް މުއުމިނާ އިންތިޚާބުކުރައްވާފައިވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރު ކުލަބުތަކެއްގެ އިއްތިފާގުންނެވެ. އެގޮތުން މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ނުވަ ކުލަބެއް ބައިވެރިވެފައެވެ. ބައިވެރިނުވާ ހަމައެކަނި ކުލަބަކީ ގުޑީޒް ސްޕޯޓްސް ކުލަބެވެ.

މުއުމިނާ އިންތިޚާބުކުރައްވާފައިވަނީ ހިންގާ ކޮމިޓީގެ މެންބަރަކަށެވެ. ކުރިން އެ މަގާމުގައި ހުންނެވީ މުޙައްމަދު ސާޖިދު (ބޮޑު ކާއްޓޭ) އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސީނިއަރ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކުރައްވާފައެވެ.

ހިންގާ ކޮމިޓީއަށް އަލަށް އިންތިޚާބުކުރެއްވި މުއުމިނާ އަކީ މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ މޫނެކެވެ. މީޑިއާގެ އިތުރުން އެކި އިޖުތިމާއީ ކަންކަމުގައިވެސް މުއުމިނާ ފާހަގަކޮށްލެވެއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ހިންގާ ކޮމިޓީގައި މިހާރުވެސް އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށާއި، އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މުއުމިނާ އާއެކު މިހާރު ހިންގާ ކޮމިޓީގައި އަންހެން ތިން މެންބަރުން ހިމެނޭ ކަމަށާއި، ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ (އެފްއައިވީބީ) އިންވެސް އަންހެނުން މަގާމުތަކަށް އައްޔަންކުރަން ބާރުއަޅާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކުޅިވަރުގެ ކަންކަމުގައި އަންހެނުން އިސްނެގުމަށް ގޮވާލާ ކަމަށާއި، ވީއޭއެމްއިން އަބަދުވެސް އެ ފުރުސަތު އަންހެން ކަނބަލުންނަށް ހުޅުވާލާ ކަމަށްވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.