ޚަބަރު

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ޖުލައި 9އިން 11އަށް ކުރުނބާ މޯލްޑިވްސްގައި


  • މިއިވެންޓްގެ ހޮސްޓިން ޕާޓްނަރަކީ ވީއައިއޭ

  • މީގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާނެ އިތުރު އެއަރލައިންތައް ލިބިގެންދާނެ

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އަންނަ ޖުލައިމަހުގެ 9އިން 11އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސްއެވެ. މިކޮންގްރެސްއަކީ ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަހަރުގެ ކޮންގްރެސްގައި ރާއްޖޭގެ އެއަރލައިންތައް ހިމެނޭހެން ޖުމްލަ 55 ފަރާތަކުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރ ޝަމްއާން ޝާކިރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންގްރެސްއަށް އެއަރޕޯޓްތަކާއި އެއަރލައިންތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި ކޮންގްރެސް މާކެޓު ކުރުމުގެ މަސައްކަތްކަމަށެވެ. މިއަހަރު ކޮންގްރެސް ހޮސްޓިން ޕާޓްނަރަކީ ވީއައިއޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީގަ ރިސޯޓް ޕާޓްނާއަކީ މަލަހިނި، ޝެރަޓޮން. އިވެންޓްގެ އެއަރލައިން ޕާޓްނާއަކީ އެމިރޭޓްސް، އިވެންޓްގެ ސީޕްލޭން ޕާރޓްނާއަކީ ޓީއެމްއޭ" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މަސައްކަތް ކުރަނީ ވީހާވެސް ގިނަ އެއަރޕޯޓްތަކާއި އެއަރލައިންތައް މީގެ ތެރޭގައި ޝާމިލްވެގެން ކުރިއަށް ގެންދިޔުމަށްކަމެވެ.

މި ކޮންގްރެސްއަކީ އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ ކޮންގްރެސްއަކަށް ވުމުން މިކަމުގައި ވަރަށް ބައިވަރު ބައްދަލުވުންތަކާއި މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މިފަދަ ކޮންގްރެސްއެއް ރާއްޖޭގައި ބޭއްވުމުން ވީއައިއޭއަށް ދަތުރުކުރާނެ އިތުރު އެއަރލައިންތައް ހޯދި އެ އެއަރލައިންތަކާއެކު އިތުރު މަރުހަލާތައް ފެށިގެންދާނެކަމަށެވެ.
އދި ވީއައިއޭގެ އިތުރުން ރާއްޖޭގެ އެހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކަށްވެސް ދަތުރުކުރާނެ އިތުރު އެއަރލައިންތަކެއް ލިބިގެން ދިއުމަކީ މިކޮންގްރެސްގެ ރާއްޖޭގައި ބޭއްވުމުން ލިބިގެންދާނެ ފައިދާއެއް ކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިކޮންގްރެސްގެ ރާއްޖޭގެ އެއަރޕޯޓުތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް ގަބޫލް ކުރާކަމަށްވެސް ވިދާޅުވިއެވެ.

މި ކޮންގްރެސް މިއަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނުކަން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު ސެން ފްރެންސިސްކޯގައި ބޭއްވި ކޮންގްރެސްގައެވެ.