ޚަބަރު

ރ.ވަންދޫގައި ކުނި މެނޭޖްކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށުން


ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ހިންގަވާ އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރެއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ.

ރ.ވަންދޫގައި ކުނި ނައްތާލާ ނިޒާމް ޤާއިމްކުރައްވައި، އުތުރު ސަރަޙައްދުގައި ހިމެނޭ ނ. ރ. ބ. ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި އުފެދޭ ކުނި، މި މަޝްރޫޢުގެ ދަށުން މެނޭޖްކުރެވިގެންދާނެއެވެ. މަޝްރޫޢުގެ ދަށުން، ބޮޑު ބާޖެއް ބަނުމަށްފަހު، އެ ބާޖު މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އެގޮތުން ރ.އުނގޫފާރު ކުނި މެނޭޖްކުރާ ސެންޓަރުގައި ހުރި ކުނިތައް މިހާރު ވަނީ ވަންދުއަށް ގެންގޮސް ނައްތާލުމުގެ މަސައްކަތް ފަށާފައެވެ. img:http://s3.psmnews.mv/images/660x400/14621853908814.jpg|ރ.ވަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް - ފޮޓޯ: ޙުސައިން އާސިފް

މަޝްރޫއު ރޭވިފައިވާގޮތުން ސަރަޙައްދުގެ މީހުން ދިރިއުޅޭ 48 ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދިފައިވެއެވެ. އަދި 4 އަތޮޅުގެ ވެރިކަންކުރާ ރަށުގައި ކުނިމެނޭޖްކުރާ ބޮޑެތި ސެންޓަރުތައް ހެދުމަށްފަހު، ވަންދޫގައި ޤާއިމްކުރައްވާފައިވާ ކުނި ނައްތާލާ މައި މަރުކަޒަށް ކުނި ގެންދިއުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ ރަށްތަކުގައި ޤާއިމްކުރައްވާފައިވާ ކުނި މެނޭޖްކުރާ ސެންޓަރުތަކުންނެވެ. ވަންދޫގައި މިހާރު ވަނީ ކުނި ނައްތާލުމަށް، ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ކުނި ނައްތާލާ މެޝިން ނުވަތަ އިންސިނެރޭޓަރ ބަހައްޓަވާފައެވެ. މިވަގުތު ރ.އަތޮޅުން ކުނި އުފުލަމުން ގެންދިޔަނަމަވެސް، ކުރިއަށް ދުވަސްތަކުގައި ދެން ހުރި އަތޮޅުތަކުންވެސް ކުނި އުފުލާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s1.psmnews.mv/images/660x400/14621854992663.jpg|ރ.ވަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް - ފޮޓޯ: ޙުސައިން އާސިފް

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ ކުނި ނައްތާލުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރެވެއެވެ. އުތުރު ސަރަޙައްދުގައި މި މަޝްރޫޢު ކާމިޔާބުކަމާއެކު ފެށިފައިވާއިރު، ސަރުކާރުން މިހާރު ވަނީ މި ކޮންސެޕްޓްގެ ދަށުން އިތުރު ސަރަޙައްދުތަކުގައިވެސް ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ އުތުރުގެ 3 އަތޮޅުގައި ކުނި ނައްތާލާ ޚާއްސަ ރަށެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދެކުނުން ސ. އަދި ޏ. އަތޮޅާއި، ގއ. އަދި ގދ. ގައިވެސް މި ކޮންސެޕްޓަށް ކުނި ނައްތާލުމަށް ނިންމަވާފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.