ޚަބަރު

ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚު މޫސާ ޖަމީލް އަވަހާރަވެއްޖެ


  • ޝައިހް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނު

  • އަވަހާރަވީއިރު އުމުރުފުޅަކީ 88 އަހަރު

  • ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޢަޞްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައި

ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ޝާހިދު ވަނީ މިއަދު ހެނދުނު އެމަނިކުފާނުގެ ބައްޕާފުޅު ޝެއިޚް މޫސާ ޖަމީލް އަވަހާރަވެފައިވާކަން ހާމަކުރައްވާފައެވެ. އެކަން ހާމަކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ޙަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިޚްލާޞްތެރި ލަފާފުޅުތަކާއި އެންމެ ރަނގަޅު ފާޑުކިއުންތެރިއަކީ ވެސް ބައްޕާފުޅުކަމަށެވެ.

ގިނަ އަހަރުތަކެއްވަންދެން އިސްލާމީ ކަންތައްތަކާ ބޭހޭ ޢިދާރާގައި ޚިދުމަތްކުރައްވާފައިވާ ޝައިޚް މޫސާ ޖަމީލް ވަނީ ހާފިޒުން އިމްތިހާނުކުރާ ކޮމިޓީގެ ވެރިޔާކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޝައިޚް މޫސާ ޖަމީލް އަވަހާރަވިއިރު އުމުރުފުޅަކީ 88 އަހަރެވެ. ޝައިޚް މޫސާ ޖަމީލްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.


ޝައިޚް މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ މުޙައްމަދު ޝާހިދެވެ. ދެން ތިއްބަވަނީ އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަނގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާއާއި އާމިނަތު ޝާހިދާއެވެ. ހަނގު ދެ ބޭފުޅުން ވަނީ ޅަ އުމުރުގައި އަވަހާރަވެފައެވެ.

ޝައިޚް މޫސާ ޖަމީލްގެ ބައްޕާފުޅަކީ، އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ނުވަތަ ޢަބްދުﷲ ކަމާލުއްދީން، ބަންޑާރަ ނާއިބު މަނުކުފާނެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.