ޚަބަރު

މަޖިލީހުގެ އަޣްލަބިއްޔަތު ހިފެހެއްޓޭނެކަމުގެ ޔަޤީންކަން އެބައޮތް: ޢަބްދުއްރަޙީމް


  • ރައީސްގެ ފަރާތްޕުޅުން ކަމެއް ދިމާވެގެން ދުރަށްޖެހިވަޑައިގަންނަވަން ނުޖެހޭނެ

  • މަޖިލީހުން ފެންނާނީ ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާތަން

  • ކުރީ މަޖިލިސްތަކުގެ އަޣްލަބިއްޔަތަށް ވީގޮތް ނުވާނެކަމުގެ ޔަޤީންކަންދެއްވި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެގޮތުގައި ހިފެހެއްޓޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމް މިރޭ 21:00ގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އެގޮތުން ޕީއެންސީގެ 66 މެންބަރުންނާއި ރައީސްގެ ތާޢީދާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުންނާއެކު އަޣްލަބިއްޔަތު 80އާއި ގާތްކުރާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އައު މަޖިލިސް ރައްޔިތުންނަށް ފެންނާނީ ފާއިތުވި މަޖިލިސްތަކާ ތަފާތު މަޖިލީހެއްގެ ގޮތުގައިކަމަށެވެ. އެ މަޖިލީހުގައި މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މިއާއެކު ޢަބްދުއްރަޙީމް ވިދާޅުވީ ލިބިވަޑައިގެންނެވި މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަޤީންކަންވެސް ވަރަށް ބޮޑަށް އެބައޮތްކަމަށެވެ.

"17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މަސައްކަތްކުރިން. 18ވަނަ މަޖިލީހުގައިވެސް އަޅުގަނޑު މަސައްކަތްކުރިން. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ނުކުރެވުނަސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އަޅުގަނޑު ހަމަ ވާނުވާ އެނގޭ ހިސާބުގަ މިއުޅުނީ. އެހެންވީމަ މީގެ ކުރިން މެޖޯރިޓީ ނުހިފެހެއްޓެނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެނިފަހުރީ." ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބި ނުހިފެއްޓުނީ ކީއްވެކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ 12 މެންބަރުން ވަކިވެގެން ދިޔައީ ކީއްވެގެންކަމާއި، އެކަން އެހެން ހިނގީ ކޮން ސަބަބުތަކެއް ހުރެކަން އެންމެ ގާތުން ފެނިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރާއި، އަލަށް އިންތިޚާބުވި މެންބަރުންނަށް، މެޖޯރިޓީ ހިފަހައްޓަން ކުރަންޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އޮތް އެންމެ ބޮޑު އިތުބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ދުރަށްވަޑައިގަންނަވަން ނުޖެހޭނެކަންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންނަށް ހީވެދާނެ އަޅުގަނޑަށް ރައީސް ޑރ. މުޢިއްޒު ފެނިގެން މިއުޅެނީ ރިޔާސީ އިންތިޚާބާ ހަމައިންނޭ. ނޫން. އެއީވެސް ވަރަށް ބޮޑު ގޯހެއް. އަޅުގަނޑާ ރައީސް ޑރ. މުޢިއްޒާ ދެމީހުންނަކީ ރައީސް ވަޙީދުގެ ވެރިކަމުން ފެށިގެން ވަރަށް ގާތް ގުޅުމެއް އޮތް ދެމީހުން. ރައީސް އަޅުގަނޑުގެ ކެމްޕެއިން އިފްތިތާތހުކޮށްދިން ރޭވެސް ވިދާޅުވެފައި އޮންނާނެ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދިންމީހެއްކަމަށް. އެހެންވީމަ މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަޅުގަނޑަށް ޑރ. މުޢިއްޒު ފާހަގަކުރެވިފަ އޮތީ ވަޢުދެއްވެއްޖާ އެ ވަޢުދެއް ފުއްދަވާ ބޭފުޅެއްގެ ގޮތަށް. އަދި ވިދާޅުވާގޮތަކަށް އެކަމެއް ކުރައްވާ ބޭފުޅެއްގެ ގޮތުގަ. އެހެންވީމަ އަޅުގަނޑަށް އެނގެނީ ރައީސް މުޢިއްޒުގެ ފަރާތުން ސަބަބެއް ހޯދައިގެން އެއްވެސް ބޭފުޅަކަށް ދުރަށްޖެހިވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެކަން." ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން މީގެ ކުރީގެ ދައުރުތަކުގައިވެސް އަދާކުރެއްވި ސީނިއަރ ބޭފުޅުން އެބަތިއްބެވިކަމަށެވެ.

އެހެންކަމުން އެބޭފުޅުންގެ ތަޖުރިބާއާއެކު ދިވެހި ރައްޔިތުން ދިން މެޖޯރިޓީ ހިފަހައްޓައިގެން މިދައުރު ފުރިހަމަކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މެޖޯރިޓީ ނުހިފެހެއްޓިގެން ކުރީގެ ވެރިކަންތައް ދިޔަގޮތަށް ނުދާނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.