ޚަބަރު

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރަން 600 ކިލޯވޮޓުގެ 2 ޖަނަރޭޓަރު


  • ކަރަންޓުގެ ޙާލަތު ދަށްވީ ޤަވާއިދުން މެއިންޓަނަންސް ނުކުރުމުން

  • 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ވެސް މީގެ ކުރިން ވަނީ އިންސްޓޯލްކޮށްފައި

ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، 600ކިލޯވޮޓުގެ 2 ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްދިނުމަށް ބޭނުންވާ 2 ޖަަނަރޭޓަރު މިހާރު އެރަށަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި، ލަސްތަކެއް ނުވެ މި ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދާދިނުމަށް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުޅުދުއްފުށްޓަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވާތާ ގިނަދުވަސްތަކެއްވަނީވެފައެވެ. އެގޮތުން ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވި ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީގައި 800 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ވެސް މީގެ ކުރިން ވަނީ އިންސްޓޯލްކޮށްފައެވެ.

ކުޅުދުއްފުށީގެ އިތުރުންވެސް ރާއްޖޭގައި ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށަކަށް ޖަނަރޭޓަރުތައް ފޮނުވައި އިސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން މިމަސްތެރޭގައިވަނީ ފަށާފައެވެ.
ޖަނަރޭޓަރުތައް އިސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގެތެރޭގައި ރ. މީދޫ، ރ. އަލިފުށި. ރ. މާކުރަތު، ބ. ކިހާދޫ، ބ މާޅޮސް، ތ. ބުރުނި ހިމެނެއެވެ.

މީގެ އިތުރުންވެސް ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މ. ދިއްގަރު ލ. ހިތަދޫ، ބ. ކަމަދޫ، ރ.ހުޅުދުއްފާރު، ފ. ބިލެއްދޫއަށް ޖެންސެޓުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުންވަނީ ހާމަކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށެވެ. އަދި މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަމަށް އެ ކޯޕަރޭޝަނުންވަނީ ހާމަކޮށްފައެވެ.