ޚަބަރު

ހިޔާ ފްލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ


  • އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

  • އަލިފާނުގެ ހާދިސާ ހިނގީ ކޮޓަރިއެއްގައި

ހުޅުމާލޭ ފޭސް ދޭއްގެ ހިޔާގެ ޓަވަރެއްގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ހުޅުމާލޭ ހިޔާ 11 ވަނަ ޓަވަރުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާކަމަށެވެ. އެހެންކަމުން އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 15:47 ގައެވެ. އަދި ރިޕޯޓް ލިބިގެން ވަގުތުން ސިފައިން އެ ސަރަހައްދަށް ދިޔައިރު އަލިފާން ހުރީ ނިއްވާލާފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭގޮތުގައި އަލިފާން ރޯވާން ދިމާވީ ފަންކާގައި ކަރަންޓް ޝޯޓެއް ވެގެންކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.