ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ރައީސް މުޢިއްޒުގެ ތާއީދު އޮތް 74 ކެންޑިޑޭޓުން މަޖިލީހަށް


  • މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް

  • އިންތިޚާބުން ދައްކުވައިދިނީ ރައީސަށް އޮތް ތާޢީދާއި އިތުބާރު

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓުން ހިމެނޭހެން 74 ގޮނޑި ސަރުކާރުން ކާމިޔާބުކުރިކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަމުންދާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް ނަތީޖާ ދައްކާގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާނީ 63 ގޮނޑިއެވެ.

ކޮންގްރެސް ޕާޓީން ވަނީ މި އިންތިޚާބުގައި ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުންވެސް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. މީގެކުރިން ޕީޕީއެމް/ޕީއެންސީއަށް އެއްގޮތަކަށްވެސް ކާމިޔާބު ނުވާ ދާއިރާތައްވެސް މިފަހަރު ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން، މާލެއާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތައް އެ ޕާޓީގެ ކެންޑިޑޭޓުން ކަށަވަރު ކުރިއެވެ. އަދި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއް އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ. ތިނަދޫ ސިޓީގެ ވެސް ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރައެވެ.


ވިހި ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން ކޮންގްރެސް ޕާޓީން ވާދަކުރީ 90 ދާއިރާއަށެވެ. ތިން ދާއިރާއަކަށް ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާތީ އެ ބޭފުޅުންނަށް އެ ދާއިރާތަކުން ތާއީދު ކުރުމަށް ނިންމިއެވެ. އެގޮތުން، އެމްއެންޕީގެ ލީޑަރު މުޙައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަށް ރައިސް ތާޢީދުކުރައްވާ އެދާއިރާތަކަށް ކޮންގްރެސް ޕާޓީން ވާދަ ނުކުރެއެވެ. މިއާއެކު ރައީސް ތާޢިުދކުރެއްވި ސިޔާސީ ޕާޓީތަކުގެ އެ ލީޑަރުންވެސް ގޮނޑިތައް ކަށަވަރު ކުރައްވާފައެވެ.

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސް ތާއީދު ކުރެއްވި ކެންޑިޑޭޓުން އަދި ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 74 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ 20 ވަނަ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެންބަރުންނަށް މި އިންތިޚާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

މި އިންތިޚާބުގައި 11 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަށަވަރު ކުރެއްވިއިރު އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ. އެ ޕާޓީތަކުން ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި މަޖިލީހުގެ މިހާރުގެ މެންބަރުން ވާދަކުރެއްވިއެވެ.