ބްރެޒިލްގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައީސް މަޤާމުން ދުރުކުރުމަށްފަހު މިހާރު އެ ޤައުމުގައި އޮތް މަސައްކަތްތެރިންގެ ޤާނޫނަށް ބަދަލުގެންނަން ކަމަށް ބްރެޒިލްގެ ރައީސް ދިލްމާ ޚުސެފް ވިދާޅުވެއްޖެއެވެ.
މޭޑޭގައި ބްރެޒިލްގެ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަދައްކަމުން ޚުސެފް ވިދާޅުވީ އޭނާ މަޤާމުން ދުރުކުރުމުން އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންތައްތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އެތައް މިލިއަން ފަޤީރުންގެ ހައްޤުތައް ގެއްލިގެންދާނެ ކަމަށެވެ.
ޚުސެފްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ވަނީ މައްސަލަ ހުށައަޅާފައެވެ. ޚުސެފް މަޤާމުން ވަކިކުރުމަށް ހުށައެޅިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ބަލާ ދިރާސާ ކުރުމަށް ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުން ޚާއްސަ ކޮމިޝަނެއް އުފައްދާފައި ވާއިރު މިކަމަކީ ޒަމާނީ ބަޤާވާތެއްގެ ގޮތުގައި ޚުސެފް ވަނީ ސިފަކުރައްވާފައެވެ.
އޭނާ މަޤާމުން ވަކިކުރުމާ ބެހޭގޮތުން ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ 21 މެމްބަރުންގެ ކޮމިޓީއަކުންނެވެ. ޚުސެފްގެ މައްޗަށް ހުށައެޅިފައިވަނީ ދަޢުލަތުގެ ބަޖެޓު، ކަނޑައެޅިފައިވާ ޤަވައިދުތަކާއި ޚިލާފަށް ބޭނުންކުރުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ މުޢާމަލާތްތައް ނަހަމަ ގޮތުހައި ބޭނުންކުރުމުގެ ތުހުމަތެވެ.
ބްރެޒިލް ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވަނީ މިމައްސަލާގައި އިތުރަށް ތަޙްޤީގްކޮށް މައްސަލަ ބަލަން ޖެހޭކަމަށް ފާސްކޮށްފައިވެއެވެ. އަދި މަތިގެއިން ދެން މިކަމަށް ގޮތެއް ނިންމާނީ 21 މެމްބަރުންގެ ކޮމިޝަންގެ ނިންމުންތަކަށް ބެލުމަށްފަހުގައެވެ.
ރިޕޯޓްތައް ބުނާގޮތުން މަތިގޭގެ ގިނަ މެމްބަރުންވެސް މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށް އެއްބާރުލުންދެއެވެ.