ކުޅިވަރު

ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖޭގެ ކެރަމްގެ ނަން އަންނަނީ ވިދަމުން: ރައުޝާން


ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ކެރަމްގެ ނަން އަންނަނީ ވިދަމުން ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ރައުޝާން ވިދާޅުވީ މި ވަގުތު ރާއްޖޭގެ ކެރަމްއިން ހޯދި ކުރިއެރުން ފާހަގަކުރާނީ ރޭންކިން އޮތް ހިސާބުން ކަމަށެވެ. އެގޮތުން މި ވަގުތު ޓީމު އިވެންޓަށް ބަލާއިރު ރާއްޖެއަކީ ދުނިޔޭގެ ތިނަވަނައެވެ. އަދި އިންޑިވިޖުއަލީ ބަލާއިރު ރާއްޖޭގެ އަންހެން އަދި ފިރިހެންވެސް ދުނިޔޭގެ ގަދަ 15 ގެ ތެރޭގަ ވަނީ ހިމެނިފައެވެ.

ރައުޝާން ވިދާޅުވީ ކެރަމްގެ ހާލަތު ރާއްޖޭގައި އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބޭއްވުމަށް އެދި އަންނަ ރިކުއެސްޓުތައް އިތުރުވެފައިވާކަން ރައުޝާން ވަނީ ފާހަގަކުރައްވާފައެވެ.

"
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޓީމެއްގެ ގޮތިގައި އަދި އިންޑިވިޖުއަލީ ކުޅުންތެރިން މި އަންނަނީ ރަނގަޅުވަމުން.
ހުސެއިން ރައުޝާން - ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ

ކެރަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީވެސް ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ރައުޝާން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ކެރަމްގެ އެކެޑަމީތަށް އުފެދުނު ހިސާބުން ޔޫތު ޑިވަލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި ކުރިއަށްދާ އެކެޑަމީތަކުގެ ހަރަކާތްތަކުގައި 500 އަށްވުރެ ގިނަ ކުދިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ރައުޝާން ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ކޯޗުން ޑިވެލޮޕްކުރުމާއި، ބޭރުގައި ކުރިއަށްދާ އެކި ކޯސްތައް ފުރިހަމަކުރާ ބައިވެރިންގެ އަދަދު އިތުރުވެފައިވާކަން ރައުޝާން ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވަމީ މައިދާނުގައި ރާއްޖޭގެ ކެރަމްގެ ނަން ވިދަމުން އަންނައިރު، އަންނަ ހޮނިހިރު ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި އޭޝިއާގެ ފާހަގަކޮށްލެވޭ އެތުލީޓުން ވާދަކުރާނެއެވެ. އެގޮތުން މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ވޯލްޑް ކެރަމް ފެޑެރޭޝަންގެ މެންބަރުންނާއެކު 50 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޑެލިގޭޓުންގެ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.