ކުޅިވަރު

އަޅުގަނޑުމެން މަސައްކަތްކުރަނީ ޒުވާނުންނަށްޓަކައި: ރާފިޢު


ކުޅވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ ކޮންމެ މަސައްކަތަކީވެސް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންކަން ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓް ކުރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި، ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ކުޅިވަރާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާފިޢު ވިދާޅުވީ އެ ދެތަން ތަރައްގީ ކުރެވިގެންދާނީ ދެ އެސޯސިއޭޝަނާވެސް މަޝްވަރާކުރެވިގެން ކަމަށެވެ.

ރާފިޢު ވިދާޅުވީ ނިމިދިޔަ ހަތަރު މަހުގެ ތެރޭގައި ރޭސިންއާކު ކުރުވުނު މަޝްވަރާތަކުގައި ކޮންމެވެސް ވަރަށް ޑިޒައިންތަކެއް ލިބިފަވާ ކަމަށެވެ. އަދި އޭގެ ރިކުއާމަންޓުގެ އިތުރުން ޑްރިފްޓިން ޒޯނެއް ފަރުމާކުރުމަށް ވާހަކަދެކިވެގެން ދިޔަ ކަމަށާއި، އޭގެ ޑިޒައިން އާއި ލޭންޑް އޭރިއާ ކަނޑައެޅި، މޮޑެލްވެސް މިހާރު އެސޯސިއޭޝަނުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި އެ ދެ ކުޅިވަރުވެސް ތައާރަފުކޮށް، ރާއްޖޭގައި އާލާކޮށް، އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަންދީ، މި އަހަރުގެ ތެރޭގައި އެކަންކަން އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"
އަޅުގަނޑުމެން އެންމެންނަށް އެނގިވަޑައިގަންނަވާނެ، ލޭންޑް އޭރިއާއަކީ ގްރޭޓަރ މާލޭ އޭރިއާގައި ވަރަށް ދަތިކަމެއް. އެހެން ނަމަވެސް ކުޅިވަރަކީ އެ ކުޅިވަރެއްގެ ޒާތުން ކުޅެންޖެހޭ ވަކި އޭރިއާތަކެއް އެބަ އޮވޭ. އަޅުގަނޑުމެންނަކަށް 10 ފޫޓް އޭރިއާއެއްގައި ނުކުރެވޭނެ މިކަހަލަ ކަންތައްތަކެއް.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާފިޢު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރު މަޝްރޫއުތައް ކުރިއަށް ގެންދާނީ ޒުވާނުންގެ މަޝްވަރާގެ މަތިންނާއި، އެސޯސިއޭޝަންތަކާ ގުޅިގެން ކަމަށެވެ. އަދި މި އެއްބަސްވުމުގައި މަޝްރޫތަކާ ގުޅުންހުރި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން އެޗްޑީސީ އާއެކު ސޮއިކޮށްފައިވަނީ ރޭސިން އާއި ޑްރިފްޓިންއަށް ޚާއްސަ 50،000 އަކަފޫޓުގެ ބިމެއް ކަނޑައެޅިކަން ހާމަކޮށްދޭ އެއްބަސްވުމެއެއްގައެވެ. މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯރ ސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކޮށްފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.