ދުނިޔެ

ތުރުކީގައި ދިން ބޮމުގެ ހަމަލާއެއެްގައި 2 ފުލުހުން މަރުވެއްޖެ


ތުރުކީވިލާތުގެ ގާޒިއަންޓެޕްގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި ދެ ފުލުހަކު މަރުވެ ބާވީސް މީހުން ޒަޚަމްވެއްޖެއެވެ.

މިއީ އެ ޤައުމުގައި އިއްޔެ ދިން މިފަދަ ތިން ވަނަ ހަމަލާއެވެ. މިޙަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ނަގާފައި ނުވިނަމަވެސް ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން ވަނީ ޙަމަލާދިންކަމަށް ބެލެވޭ މީހާގެ ގެއަށްވަދެ އޭނާގެ ބައްޕަގެ ޑީއެންއޭ ޓެސްޓުތައް ހެދުމަށް ހައްޔަރުކޮށްފައެވެ. މީނާ އަކީ އައި އެސްގެ ހަނގުރާމަ ވެރިއެއްކަމަށް ތުރުކީވިލާތުގެ އޮފިޝަލުން ބުނެއެވެ.

ތުރުކީވިލާތުގައި މިފަދަ ޙަމަލާތައް ވަނީ ފަހަކަށް އައިސް ޢާއްމުވާން ފަށާފައެވެ. އަދި މިކަމުގެ ސަބަބުން އަވައްޓެރި ސޫރިޔާގައި މިހާރު ކުރިއަށްދާ ހަނގުރާމަ ތުރުކީވިލާތާ ހަމައަށް ފޯރާ ތުރުކީވިލާތުގައިވެސް ހަމަނުޖެހުން އިތުރުވެ ހަނގުރާމައިގެ މައިދާނަކަށް އެޤައުމު ބަދަލުވެދާނެ ކަމުގެ ބިރު ނޭޓޯގެ ޤައުމުތަކުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މިހަމަލާ ދިން ތުރުކީވިލާތުގެ ގާޒިއަންޓެޕް އަކީ ސޫރިޔާ ބޯޑަރާއި ސާޅީސް މޭލު ކައިރީގައި ވާ ސިޓީއެކެވެ.