ޚަބަރު

"ހުރާ ޔޫތް ކޭމްޕް" ސަރަޙައްދު ތަރައްޤީ ކުރަނީ


ކިޔަވާ ކުދިންގެ ޙަރަކާތްތަކަށާއި ޒުވާނުންގެ ޙަރަކާތްތަކަށް ޚާއްޞަކޮށްގެން ކ.ހުރާގައި ހަދާފައިވާ "ހުރާ ޔޫތް ކޭމްޕް" ސަރަޙައްދު ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހުރާ ކައުންސިލުން ވިދާޅުވެއްޖެއެވެ. 

2011 ވަނަ އަހަރުގެ ތެރޭގައި ހިރިޔާ ސްކޫލް ކުދިންތަކެއް ކޭމްޕް ގޮސް އުޅުމުގެ ތެރޭގައި ހިނގި ހިތާމަވެރި ޙާދިސާއާ ގުޅިގެން އެ ސަރަޙައްދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައެވެ. އަދި އެއަށްފަހު މަދު މަދުން އެ ސަރަޙައްދު ބޭނުންކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އެތަނަށް ދޭންވާ އެންމެ ފުރިހަމަ ސަމާލުކަން ނުދެވުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ހުރާ ކައުންސިލުން ފާހަގަކުރައްވައެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، އެރަށުގެ ޔޫތް ކޭމްޕް ސަރަޙައްދު، ގިނަ އަދަދެއްގެ މީހުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަޙައްދަކަށް ވުމާއެކު އެތަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. ސަރުކާރުން ޔޫތު ކޭމްޕް ސަރަޙައްދު މަރާމާތުކުރައްވައި އެތަނުގެ އާބާތުރަ ފިލުވުމަށްޓަކައި ގިނަ މަސައްކަތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހުރާ ކައުންސިލުން ވިދާޅުވީ، ޔޫތު ކޭމްޕްގައި ހުރި ޢިމާރާތްތަކާއި އެހެން ތަކެއްޗާއި ވަޞީލަތްތައް ކަމަށްވީނަމަވެސް ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުންނަ ގޮތުން، އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑު މަރާމާތުތަކެއް ކުރަންޖެހެއެވެ.

ހުރާގައި ހިނގި ހިތާމަވެރި ޙާދިސާއަށްފަހު، އެފަދަ ޙާދިސާތައް ތަކުރާރު ވިޔަނުދިނުމަށްޓަކައި، ތަފާތު ބޭނުންތަކަށް ރަށްރަށަށް ކޭމްޕްދާ ސްކޫލް ކުދިންނާއި، އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ވަނީ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅުއްވާފައެވެ.