ޚަބަރު

50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި


  • ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56.26 އިންސައްތަ ވަނީ ވޯޓްލާފައި

  • ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8:00އިން ހަވީރު 5:30އަށް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިއަދު ހަވީރު 3:00 ޖެހުމާއި ހަމައަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު ހަވީރު 3:00 ޖެހުމާއި ހަމައަށް 160،158 މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 56.26 އިންސައްތައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30އާ ހަމައަށެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ފަހުން ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.