ޚަބަރު

އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސުލްހަ މަސަލަސްކަން ގެއްލިގެން ނުވާނެ: ނައިބު ރައީސް


  • ވޯޓްލުމުގެ ހައްގު ރަނގަޅަށް އަދާކުރާނެކަން ޔަގީންކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްނަމަވެސް، ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮންނަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑު ނިންމުމެއް ނިންމުމަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި މީގެކުރިން ބޭއްވި އެހެން އިންތިހާބުތަކަށް ބަލާލާއިރުވެސް ފެނިގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިދޭ ފަރުދީ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާ މަންޒަރުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން މިފަހަރުވެސް އެކަން އެގޮތަށް ކުރައްވާނެކަން ވަރަށް ބޮޑަށް ޔަޤީންކުރައްވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިންތިހާބުން ބަލިވިޔަސް، މޮޅުވިޔަސް ދިވެހި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުންކަމަށެވެ.

"އިންތިހާބު ކޮންމެ ގޮތަކަށް ނިމިގެން ދިޔަސް ރައްޔިތުންގެ ތެރޭގައި ސުލްހަ މަސަލަސްކަން އޮތުން އެއީ ކޮންމެ ރައްޔިތަކުވެސް އެދޭނެ ގޮތް. އެގޮތުގެ މަތިން ޤައުމުގެ މަސްލަހަތު އިސްކުރުން އެއީ އަޅުގަނޑުގެ އެދުމަކީ ހުރިހައި ރައްޔިތުންގެ އަރިހުން. އަދި ސިޔާސީ ޕާޓީތަކަށްވެސް ދޭންބޭނުންވާ މެސެޖަކީ އެއީ." ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް 603 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.