ޚަބަރު

ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި


  • މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، ޣައްސާން މައުމޫން

  • "އައްޑަނަ މަޖައްލާ" ގެ 34 ވަނަ ޢަދަދުވަނީ ނެރުއްވާފައި

  • ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، ޣައްސާން މައުމޫނެވެ. މިރަސްމިއްޔާތުގައިވަނީ، މިއަހަރު ސިފައިންގެއިން ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރު ހާމަކުރައްވާފައެވެ. ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ، "ޤައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މިއެވެ.

މިރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ"ގެ 34 ވަނަ ޢަދަދު، ދިފާޢީ ވަޒީރު ނެރުއްވައިދެއްވިއެވެ. އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު" މި މައުޟޫގެ މައްޗަށެވެ. މިފަހަރުގެ މަޖައްލާގައި ވަނީ ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އަލިއަޅުވާލާފައެވެ. އަދި، މި ދާއިރާތަކުން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ވަނީ ހިމަނުއްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ދުވަހުގެ މުނާސަބަތުގައި، ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި، ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.