ޚަބަރު

ވީހާއަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި


  • ރައީސް ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފޮށްޓަކަށް

  • ވީހާވެސް އަވަހަށް ވޯޓުގެ ކަންކަން ނިންމެވުމަށް އެދިވަޑައިގަތް

ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤެއް އަދި ޒިންމާއެއް ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްޤު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ މަޖިލިސް އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކަށެވެ. އެމަނިކުފާނު ވޯޓު ލެއްވުމަށް ވަޑައިގެންފައިވަނީ 8:40 ހާއިރެވެ.

ވޯޓު ލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ހައްޤު ވިހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމަވާލެވުމަށް އިލްތިމާސްކުރައްވާފައެވެ.

"ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤެއް އަދި ޒިންމާއެއް. އެހެންވީމަ ހުރިހާ ރައްޔިތުންވެސް ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކޮށްދެއްވާ. ކޮންމެހެން ހަވީރު ވަންދެން މަޑު ނުކުރައްވާ، އެބޭފުޅަކު ވޯޓުލައްވަން ޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓުލެއްވުމަކީ އެ ބޭފުޅެއްގެ ހައްޤެއް އަދި ޒިންމާއެއްވީމަ، އަޅުގަނޑު އެކަމަށް އިލްތިމާސްކުރަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާއިރު ގާތްގަނޑަކަށް ހުރިހާ ފޮށްޓެއްގެ ވެސް ވޯޓުލުމުގެ ކަންކަން ގަޑިއަށް ފެށިގެން ގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން 90 ދާއިރާއަކަށް ކެނޑިޑޭޓުން ނެރެފައިވެއެވެ.