ޚަބަރު

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި


  • މަނަދޫ އާއި މުލީގައި އިމާރާތްކުރަނީ 50 އެނދުގެ ހޮސްޕިޓަލްތައް

  • އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް

  • އެމްޓީސީސީގެ އަމާޒަކީ 3 ހޮސްޕިޓަލުގެ މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުން

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އައު ހޮސްޕިޓަލު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ އަލިފުއްޓާއި ނ މަނަދޫގެ އިތުރުން މ. މުލީގައެވެ.

އައު ހޮސްޕިޓަލް އަޅުމަށް އެމްޓީސީސީއާ ހާވާލުކުރި 3 ރަށުގެ ތެރެއިން ނ. މަނަދޫ އާއި މ. މުލީގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެކެވެ. މިއިން ކޮންމެ ރަށެއްގައިވެސް 185 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އައު ހޮސްޕިޓަލްތައް އަޅަން ނިންމާފައިވަނީ އެރަށްރަށުގައި މިހާރު ހުރި ހޮސްޕިޓަލްތައް ގިނަދުވަސްވެ އިމާރާތްތައް ވީރާނާވެފައިވާތީއެވެ.

މީގެ އިތުރުން ރ. އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އަޅަން ހަވާލުކޮށްފައިވާއިރު، އެރަށުގައި ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމާފައިވަނީ އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާއި އެރަށާއި ދުރުވުމުގެ ސަބަބުންނެވެ.

ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ ނ. މަނަދޫގައި ހުރި ހޮސްޕިޓަލަކީވެސް ވީރާނާވެފައިވާ ހޮސްޕިޓަކެއްކަމަށާއި އެ ހޮސްޕިޓަލުގެ ޖާގަ ކުޑަވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ޚިދުމަތް ނުދެވޭކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މުލީގައި ހުރި ހޮސްޕިޓަލުގެ ހާލަތު ހުރީ މަރާމާތުކޮށްގެންވެސް ނުހިފެހެއްޓޭ ހާލަތުގައި ފާހަގަކޮށް ޤާސިމް ވިދާޅުވީ ހޮސްޕިޓަލު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. ޤާސިމް ވަނީ ހޮސްޕިޓަލުތަކުގެ އައު ޢިމާރާތްތައް އެޅުމާއެކު އެ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބޭނެކަމަށް ވިދާޅުވެފައެވެ.

"ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ދިވެހިންނަކީ ދުޅަހޮޔި ޞިއްޙަތެއްގައި ތިބޭ ބަޔަކަށްވުމާއި ވިހާވެސް ގައިތުން ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން. ގްރޭޓަރ މާލެ ސަރަހައްދުގައިވެސް އިތުރު ހޮސްޕިޓަލްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. އެގޮތުން ވިލިމާލޭގައި އައު ހޮސްޕިޓަލެއް އެޅޭނެ. އަދި މާލެ ސަރަހއްދުގައި ކެންސަރަށާއި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅޭނެ."

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދު ވިދާޅުވީ އަމާޒަކީ 3 ހޮސްޕިޓަލުގެ މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުން ކަމަށެވެ.

"ހޮސްޕިޓަލުތައް އެޅުމަށް ކަނޑައަޅާފައިވާ ރަށްރަށަކީ މިހާރުވެސް އެމްޓީސީސީން މަސައްކަތްތައް ކުރިއަށްގެންދާ ރަށްރަށަށްވުމާއެކު ސައިޓް މޮބަލައިޒްކޮށް މަސައްކަތް ފެށުމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެ." ޒިޔާދު ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މި 3 ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

އަލަށް އިމާރާތްތަކުރާ ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެކަމަށާއި މިއީ ސަރުކާރުން އަތޮޅުތަކުގައި ދެވޭ ޞިއްޚީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތައްކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތުދެއްވިއެވެ.