ޚަބަރު

ފުވައްމުލަކު ސާފުފެނުގެ ކިޅި - ރަށުގެ ގުދުރަތީ އެންމެ ރީތި 1 ސިފަ


ފުވައްމުލަކުގައި އޮންނަ ސާފުފެނުގެ ކުޅިއަކީ ގުދުރަތީ ގޮތުން، ފުވައްމުލަކަށް ލިބިފައިވާ އެންމެ ރީތި އެއް ސިފައެވެ.

ފުވައްމުލަކުގެ ދަނޑިމަގު ކުޅި އަދި ފުވައްމުލަކު ބަހުންނަމަ ކިޅިއަކީ ރަށުގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންނާއި ފަތުރުވެރިންގެ ޝައުޤު އިތުރުކުރެވޭނެ ތަނަކަށް ހެދުމަށް އެރަށުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ ހަމައެކަނި އަތޮޅު ކަމުގައިވާ ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ސިފަތަކެއް ލިބިގެންވާ ރަށެކެވެ. ޚާއްޞަކޮށް އެރަށުގެ ބޮޑުކަމާއި ރަށުގައި ހިމެނޭ ޗަސްބިންތަކުގެ ގިނަކަމާއި ރަށުގެ ވަށައިގެން އުފެދިފައިވާ ފަރުގެ ތަފާތުމާއި ރަށުގައި ހުރި ދަނޑުވެރިކަމަށް ފަހި ކަންކަން ފާހަގަކުރެވެއެވެ. މީގެ އިތުރަށް އެރަށުގައި އޮންނަ ރީތި ބޮޑު ތުނޑި ނުވަތަ ތޫނޑުއާއި އެރަށުގައި އޮންނަ ބޮޑު އަދި ރީތި ކުޅި ހިމެނެއެވެ.

ފުވައްމުލަކުގައި ދެ ކުޅި އޮވެއެވެ. އެއީ ބަންޑާރަ ކުޅިއާއި، ދަނޑިމަގު ކުޅިއެވެ. ފުވައްމުލަކު ބަހުރުވައިން ނަމަ ދަނޑިމަގު ކިޅިއަކީ މީގެ ކުރިން އެރަށުގެ މީހުން އެހާ ސަމާލުކަން ދިން ކިޅިއެއް ނޫނެވެ. އެހެންނަމަވެސް އެ މަންޒަރު މިހާރު ވަނީ ބަދަލުވެފައެވެ. ކުރިން އެތަނަކީ މީހުން އެރި ފަތާ، އުފާކޮށްލަން ގޮސް އުޅޭ ތަނަކަށް ނޫނެވެ. އަދި އެތަން އެހެން މީހުންގެ ސަމާލުކަމަށް ގެންނާކަށްވެސް މާބޮޑު މަސައްކަތްތަކެއް ކުރީގެ ދުވަސްތަކުގައި ކުރަމުން އައިސްފައެއް ނުވެއެވެ. އެހެނަމަވެސް މިހާރު ދަނޑިމަގު ކުޅި ވަށައިގެންވާ މާޙައުލުން ފެނިގެންދަނީ ފެހިކަންގަދަ ގަސްތަކާއި ޤުދުރަތުގެ ހިތްގައިމުކަމެވެ. ފުވައްމުލަކު ދަނޑިމަގު ކުޅިއަށް ޒިޔާރަތްކޮށްލުމުން ފެނުނީ، ކުޑަކުދިންނާއި ބޮޑެތި މީހުން ކުޅީ ފެންގަނޑުގައި އުފާވެރިކަމާއި މިނިވަންކަމާއެކު ފަތާ މަންޒަރެވެ. ޕީއެސްއެމްއިން އެފަރާތްތަކާ ވާހަކަދައްކާލުމުން އެމީހުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރަށް ފާހަގަކުރެވިގެންދެއެވެ.

ދަނޑިމަގު ކުޅިއަކީ އެރަށު މީހުން މަޖާކޮށްލަން ބޭނުންކުރާ ތަނެއްކަމަށް ވީނަމަވެސް، އެރަށުގެ އެންމެ ބޮޑު ކުޅި ބަންޑާރަކުޅި މިހާރު ވަނީ މަރާމަތަށް ބަންދުކޮށްފައެވެ. މީވެސް އެރަށަށް ޒިޔާރަތްކުރާ މީހުންނާ ރަށުގެ ރައްޔިތުންގެ މެދުގައި މަޤްބޫލް ތަނެކެވެ.

މިފަދަ ޤުދުރަތީ ރީތި ތަންތަން އެ ރީތިކަންމަތީ ދެމެހެއްޓުމާއި ޙިމާޔަތްކުރުމާއި އިޤްތިޞާދީ ބޭނުމަށް ނުވަތަ އެ ނޫން ބޭނުމަކަށް ކަމެއް ކުރާނަމަވެސް މިފަދަ ތަންތަނުގެ ރީތިކަމާއި ޤުދުރަތީ ސިފަތަކާއި ނިޒާމުގެ ދައުރުވުމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރުމަކީ މުހިންމު ކަމެކެވެ. މިކަމަކީ ސަރުކާރުގެ އިތުރުން ފުވައްމުލަކު ރައްޔިތުންވެސް ބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ.