ކުޅިވަރު

އީދު ބައިބަލާ ޗެލެންޖް 1445 ގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބަށް


އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ގެ ފައިނަލް މެޗުގައި ސީދާ ދެ ގޭމުން ކުލަބު ކާސިންޖީ (ސީކޭ) ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ގޭމުގައި އެތެރެއިން ކުޅެމުން ދިޔަ ކާސިންޖީގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބު ކުރި ހޯދިއެވެ. ގޭމް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބުރުން ވަނީ ކާސިންޖީގެ ހަތަރު ކުޅުންތެރިން ބޭރުކޮށްފައެވެ. އެއާއެކު ގޭމު 7-7 ގެ ނަތީޖާއަކުން އެއްވަރުވިއެވެ. ގޭމު އެންމެ ފަހުވަގުތު އެނބުރުނީ ބުރު ސްޕޯޓްސް ކުލަބު ކޮޅަށެވެ. އެއީ 6-9 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ގޭމުގައި ބުރު ސްޕޯޓްސް ކުލަބު ކުރިހޯދާފައިވަނީ 8-16 ގެ ނަތީޖާއަކުންނެވެ. މި ގޭމުގައި ބުރުން ވަނީ އިތުބާރާއެކު ކުޅެފައެވެ. އަދި ފަރަގު ބޮޑުކޮށްފައިވަނީ ޓީމެއްގެ ސިފައިގައި ދެއްކި ހިތްވަރުންނެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކުލަބު ސީކޭ ހޮވުނުއިރު، ޑްރީމް ޓީމެއްވެސް ވަނީ ހޮވާފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ޑްރީމް ޓީމެއް ހޮވި ފުރަތަމަ ފަހަރެވެ. ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބުގެ މުޙައްމަދު މިރުސާލް ޔާސިރު، މުޙައްމަދު ރިލްވާންގެ އިތުރުން ކުލަބު ކާސިންޖީގެ މުޙައްމަދު ސަޖަން، ސުމާމް ލަތީފް، އަލީ ވިޖުހާން، އަލީ ޝާފިއު، އިބްރާހީމް ޝަމީމް، ވިޝާހު އަބްދުއްލަތީފް، ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުޙައްމަދު ނަޒީހް ހަނީފް، ޖޭކޭ ސްޕޯޓްސް ކުލަބުގެ ހުސެއިން ޝިމާޒެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޔާސިރެވެ.

މި އަހަރުގެ މިސްޓަ ބައިބަލާއަކަށް ހޮވިފައިވަނީ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބުގެ މުޙައްމަދު މިރުސާލް ޔާސިރެވެ.

މިއީ ބުރު ސްޕޯޓްސް ކުލަބުން އީދު ބައިބަލާ މުބާރާތުގެ ތަށި ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ ކުލަބުން ޗެމްޕިއަންކަން ހޯދާފައިވަނީ 2007 ވަނަ އަހަރުގައެވެ. އަދި 2018 ގައިވެސް ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.