ޚަބަރު

ރައީސް މުއިއްޒު މަޤާމުން ވަކިކުރަން ތާޢީދެއް ނުކުރަން: ރައީސް ޔާމީން


  • އެއްވެސް އަސާސެއް ނެތި ބަޔަކު ކުރާ މަސައްކަތެއްގައި ބައިވެރިއެއް ނުވާނެކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެއްވެސް އަސާސެއް ނެތި ބަޔަކު ކުރާ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަކާއި ގުޅޭގޮތުންނެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ ބޭފުޅަކު ރައީސް މުއިއްޒު މަޤާމުން ވަކިކުރަން ތާއީދުކޮށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ. އަދި އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަކުރެވޭނަމަ އެ ބޭފުޅަކީ އެމަނިކުފާނުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އުސޫލެއް ހަމައެއް ނެތި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު މަޤާމުން ވަކިިކުރަން ބަޔަކު ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިކަހަލަ ކޮމްޕަލްޝަންއަށް ބޭސްކޮށްފައި އެއްވެސް ކަހަލަ އުސޫލެއް ނެތި ޑްރައިވް ކުރާ އެޖެންޑާތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމޭ. އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުޢިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މީގެކުރިން ކުރިއަށްގެންދެވި މަސައްކަތް އަލުން ފައްޓަވާނެކަމަށެެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައާއި، ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމާއި ދެކޮޅަށް އަޑު އުފުއްލެވުމުގައި ދެމިހުންނަވާނޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.